ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ދެއްވައިފިއެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމީ ޖަލްސާގައި މި ހިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ފަހަރު ޝަރަފު ދެއްވީ ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި މީގެ ކުރިން އެ އިނާމު ދީފައި ނުވާ 66 ބޭފުޅުންނަށެވެ. މި އިނާމު ދިނުމުގެ ބޭނުމަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު، ކޮށްފައިވާ ހިދުމަތްތަކާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތައް ގައުމީ ފެންވަރުގައި އަގުވަޒަންކުރުމެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފުންނަށެވެ. އެ މީހެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނޫނީ އެހެން ފަރާތަކުން އަދި އެމީހަކު އަމިއްލައަށް ވެސް ހުށަހެޅޭނެ އެވެ.
ދިގު މުއްދަތަށް ހިދުމަތް ކުރުމުގެ ޝަރަފުގެ ބެޖާއި އައްޑަނަ 66 ބޭފުޅަކަށް ލިބިވަޑައިގެންނެވިއިރު ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ 4 ބޭފުޅަކަށް، ދައުލަތުގެ މަތިވެރި ޝަރަފު ކަމުގައިވާ "ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން" ވެސް މިއަދު ވަނީ އަރުއްވާފައެވެ.
ނިޝާން އިއްޒުންދީންގެ ލަގަބު އެރުވި ހަތަރު ބޭފުޅުންނަކީ ޑރ. މުހައްމަދު ލަތީފާއި، އިބްރާހިމް ރަޝީދު މޫސާ އާއި، ޗަންޕާ ހުސައިން އަފީފްގެ އިތުރުން މުހައްމަދު މޫސާ (އުއްޗު) އެވެ.
