ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ 4 ބޭފުޅަކަށް، ދައުލަތުގެ މަތިވެރި ޝަރަފު ކަމުގައިވާ "ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.

މި ޝަރަފު އެ ބޭފުޅުންނަށް އަރުވާފައި ވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ނިޝާން އިއްޒުންދީންގެ ލަގަބު އެރުވި ހަތަރު ބޭފުޅުންނަކީ ޑރ. މުހައްމަދު ލަތީފާއި، އިބްރާހިމް ރަޝީދު މޫސާ އާއި، ޗަންޕާ ހުސައިން އަފީފްގެ އިތުރުން މުހައްމަދު މޫސާ (އުއްޗު) އެވެ.

ޑރ. މުހައްމަދު ލަތީފް:

ޑރ. މުހައްމަދު ލަތީފަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވަނީ / ފޮޓޯ: ރައީސް އޮފީސް

ޑރ. ލަތީފަކީ ރާއްޖޭގެ ތައުލީމީ، ހާރިޖީ އަދި ސިވިލް ސާވިސް ދާއިރާ ހަރުދަނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެޑިޔުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. ލަތީފަކީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމާއި، ފުރަތަމަ ކޮލެޖް "މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން" ގާއިމުކުރެއްވުމުގެ މޭސްތިރިއެވެ. އަދި އެމަނިކުފާނަކީ ސިވިލް ސާވިސް ކޮމިޝަންގެ ފުރަތަމަ ރައީސްގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ޗާންސެލާކަންވެސް ކުރެއްވި ބޭފުޅެކެވެ.

އިބްރާހިމް ރަޝީދު މޫސާ:

އިބްރާހިމް ރަޝީދު މޫސާ ނިޝާން އިއްޒުއްދީންގެ ލަގަބް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އިލްމު ފެތުރުއްވުމުގެ ދާއިރާއިން އިބްރާހިމް ރަޝީދު މޫސާ ވަނީ ނަމޫނާ މަސައްކަތްތަކެއް ކުރައްވާފައެވެ. މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި މި ބޭފުޅާއަކީ، "މުހައްމަދު ރަސޫލުﷲ" ސިލްސިލާ ދިވެހިބަހަށް ތަރުޖަމާކުރެއްވި ބޭފުޅާވެސް މެއެވެ. ދީނީ އަދި އިލްމީ ގޮތުން 50 އަށްވުރެ ގިނަ ފޮތް އެކުލަވައިލައްވާފައިވާ އިރު، އެމަނިކުފާނަކީ ނޫސްވެރިކަމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ޗަންޕާ ހުސައިން އަފީފް:

ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރެއްވި އެއް ބާނީ ކަމުގައިވާ ހުސައިން އަފީފަކީ، ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މައިދާނުގައި އިސްތިހާރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ދުނިޔޭގެ އެންމެ ފުރަތަމަ ސޯލާ ރިޒޯޓު "ގަސްފިނޮޅު" ތަރައްގީކުރެއްވި އަފީފަކީ، މަޓީގެ ފައުންޑިން މެންބަރެއްގެ އިތުރުން އޭވިއޭޝަން، ބޭންކިން އަދި ސިއްހީ ދާއިރާއަށްވެސް ގިނަގުނަ އެހީތަކެއްވެވަޑައިގަންނަވާ އިންވެސްޓަރެކެވެ.

މުހައްމަދު މޫސާ (އުއްޗު):

މުހައްމަދު މޫސާ (އުއްޗު) ނިޝާން އިއްޒުއްދީންގެ ލަގަބް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް

ވިޔަފާރިވެރިޔާ މުހައްމަދު މޫސާއަކީ ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމާއި، އިޖުތިމާއީ އެހީތެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގެ ފުރަތަމަ އަމިއްލަ ބްރޯޑްކާސްޓިން ހިދުމަތް "ދި އެފް.އެމް" އާއި "ދި ޓީ.ވީ" އުފެއްދެވި އުއްޗު ވަނީ "އަލިފުޅު ތުއްތު ފައުންޑޭޝަން" މެދުވެރިކޮށް އެތައް ދަރިވަރުންނަކަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވާފައެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލާއި މަޑިވަރު އެއަރޕޯޓް ފަދަ ބޮޑެތި މަޝްރޫއުތަކަކީ އެމަނިކުފާނުގެ ހިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މަސައްކަތްތަކެވެ.