މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ނިޝާން އިއްޒަތުގެ ވެރިކަމުގެ ލަގަބު ހ. ހިކަރި، އަހުމަދު އާދަމް އަދި ހ. އާމުލީގެ އަބްދުﷲ ސޯދިގް (ސޯދުބެ) އަށް އަރުވައިފިއެވެ.
މި އިއްޒަތަކީ އަގުވަޒަން ކުރުމުގެ ގޮތުން އެރުވޭ އިއްޒަތެކެވެ. ޢެ ދެބޭފުޅުން ރަސްމީ އިއްޒަތުގައި ސްޓޭޖަށް ވަޑައިގަތުމުން ނިޝާން އިއްޒަތުގެ ވެރިކަމުގެ ލަގަބު އެ ދެބޭފުޅުންނަށް އެރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އަހުމަދު އާދަމަށް ނިޝާން އިއްޒުއްދީންގެ ލަގަބު އެރުވީ، ދިވެހި ގައުމަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކާއި ގައުމީ ހިދުމަތުގައި ރެއާ ދުވާލު ވަރުބަލިފުޅުވުމެއް ނެތި، ހާއްސަކޮށް އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އަބްދުﷲ ސޯދިގަށް ނިޝާން އިއްޒުއްދީންގެ ލަގަބު އެރުވީ، ދިވެހި ސަރުކާރަށް ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އިހްލާސްތެރި ހިދުމަތްތަކާއި ދިވެހި އަދަބިއްޔާތަށާއި ރާއްޖޭގެ ތައުލީމީ ދާއިރާއިން އެކި ރޮނގުރޮނގުން ކޮށްދެއްވާފައިވާ އަގު ނުކުރެވޭފަދަ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން ގާޒީ ހަސަން އިއްޒުއްދީން، ދޮން ބަންޑާރައިންނަށެވެ. އެ މަހާރަދުންނަކީ ދިވެހިރާއްޖެ ހޮޅިންގެ އަތްދަށުން ސަލާމަތްކުރެއްވި ގައުމީ ބަތަލެވެ. ދޮންބަންޑާރައިންނަކީ އެތަކެއް ފަހަރު މަތިން މަލާބާރީންނާ ހަނގުރާމަ ކުރައްވާ ކާމިޔާބު ހޯއްދެވި ހިތްވަރު ގަދަ ބަތަލެކެވެ.
މިރޭގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނަބަލުން ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި، ރައްޔިތުން މަޖިލީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދައުލަތުގެ އެހެނިހެން ވަޒީރުން އަދި މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.