ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މަދަނީ ޖަމިއްޔާތަކަކީ މުހިންމު ބައިވެރިންތަކެއް ކަމަށާއި، އެ ޖަމިއްޔާތަކަށް ހަރަކާތްތެރިވުމަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރުސީއެމް) އިސްކަންދޭނެ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޝަފީގު މަހްމޫދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މިއަހަރުގެ ފުރަތަމަ "އެޗްއާރުސީއެމް – ސީއެސްއޯ ޕާޓްނާޝިޕް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮމިޝަނާ މަދަނީ ޖަމިއްޔާތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއްކަން ޝަފީގު ފާހަގަކުރެއްވިއެވެ.
"މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން" މި މައުލޫއަށް އަމާޒުކޮށް ކަސްޓަމްސް ހޯލުގައި ބޭއްވި މި ފޯރަމްގައި، މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ގޮންޖެހުންތަކާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ފޯރަމްގެ ތެރެއިން ހެލްތު އެންޑް ސޭފްޓީއާ ގުޅޭ މައުލޫމާތު މި ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މުހައްމަދު އަބްދުﷲ ހުށަހަޅުއްވައިދެއްވިއެވެ. އެއަށްފަހު ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި، މޯލްޑިވްސް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ޒާހިރާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ކޮންސަލްޓަންޓް ޑރ. މުހައްމަދު އަބްދުﷲ، އަދި ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ޑިރެކްޓާ މަރިޔަމް ޝިމްނާ ބައިވެރިވެވަޑައިގެން ބައިވެރިންނަށް މައުލޫމާތު ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްތެރިންނަށް ލިބިދޭ ރައްކާތެރިކަމާ ގުޅޭގޮތުން ކޮމިޝަނުގެ ޑިރެކްޓާ ހަދީޖާ ލިމްޔާ އަދި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ ޑިރެކްޓާ ފާތިމަތު އަހުމަދު ވާހަކަދެއްކެވިއެވެ. ފޯރަމްގެ ފަހު ސެޝަންގައި، ދިވެހިރާއްޖޭގެ ނަރުހުންގެ އެސޯސިއޭޝަންގެ ފަރާތުން މަރިޔަމް ޝިފާނާ ވަނީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ގެއްލިގެންދާ އާންމު ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ހުށަހަޅުއްވާފައެވެ.
ޖުމްލަ 25 ޖަމިއްޔާއަކުން 30 ފަރާތެއް ބައިވެރިވި މި ފޯރަމަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެޗްއާރުސީއެމުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު މަގްސަދަކީ ކޮމިޝަނާއި މަދަނީ ޖަމިއްޔާތަކާ އޮންނަ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ހަރުދަނާ މާހައުލެއް ގާއިމްކުރުމެވެ.
