ކ. ތިލަފުށީގެ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ސްރީ ލަންކާގެ އެކްސްކަވޭޓަރު ޑްރައިވަރުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރާނެ މިންވަރަށް ހެކި ނެތުމުން، އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ސްރީ ލަންކާގެ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކާއެވެ. މަރުވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާއެވެ.

މި މައްސަލައިގައި ދައުވާ ނުކުރަން ނިންމި މުހިންމު ސަބަބުތަކުގެ ތެރޭގައި ފުލުހުން ހާދިސާ ހިނގި ގޮތް އަލުން ކުޅުނުއިރު، އެ ސަރަހައްދުގެ އަލިކަން ހުރި ގޮތުން އެތަނުގައި މީހަކު ހުރިކަން ޑްރައިވަރަށް ނޭނގޭނެކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އަމީން މިއާއަކީ އޭނާގެ ޑިއުޓީގެ ގޮތުން އެ ވަގުތު އެ ސަރަހައްދުގައި ހުންނަންޖެހޭ މީހެއް ނޫންކަމަށް ފާހަގަކޮށްފައިވާއިރު ކުނިގޮނޑަށް އަރައި އުޅުމަކީ ނުރައްކާތެރި ކަމަކަށްވާތީ އެއީ ވެމްކޯއިން މަނާކޮށްއިވާ ކަމެއްކަމުގައި ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މަރުވި މީހާއާއި ޑްރައިވަރާ ދެމެދު އެއްވެސް މައްސަލައެއް ނުވަތަ އަދާވަތްތެރިކަމެއް އޮތް ކަމަށް ބެލެވޭނެ ހެއްކެއް ފެންނާކަށް ނެތެވެ.

ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އަމީން މިއާ މަރުވީ އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާއެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުވެ، ކުނިތައް ގައިމައްޗަށް އެޅުމުގެ ސަބަބުންނެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީންގެ ގައިގައި ޖެހުނު ނަމަވެސް، ޑްރައިވަރަށް އެކަން ނޭނގި މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވެއެވެ.

ފުލުހުންގެ ތަހުގީގަށްފަހު މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ ގަސްދަކާނުލައި މީހަކު މެރުމުގެ ދައުވާ އުފުލުމަށެވެ. ނަމަވެސް ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމުމާ ގުޅިގެން، ބަންދުގައި ދުވަސްތަކެއް ހޭދަކުރި ޑްރައިވަރު ވަނީ އެނބުރި ގައުމަށް ފޮނުވާލުމަށް އެދިފައެވެ.