އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކަށް ގޮސްފިނަމަ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރާނެ ކަމަށް އެ ސިޓީގެ މޭޔަރު ޒޯހްރާން މަމްދާނީ ދެއްވި އިންޒާރަށް ރައީސް ޑޮނާލްޑް ޓްރަމްޕް ރައްދުދެއްވައިފިއެވެ.
އިއްޔެ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގައި ހުންނަވާއިރު އެއްވެސް ސިފައެއްގައި ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެ ކަމަށެވެ. މި ޕޯސްޓުގައި މޭޔަރު މަމްދާނީގެ ނަން ސީދާ ވިދާޅުވެފައި ނުވި ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި އިޒްރޭލުން އެހީތެރިވެދީފައި ވާކަން ޓްރަމްޕް ފާހަގަ ކުރެއްވިއެވެ.
ހޮނިހިރު ދުވަހު އާންމުކުރި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވެފައި ވަނީ، އަންނަ ސެޕްޓެންބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ނަތަންޔާހޫ ނިއުޔޯކަށް އަތުވެއްޖެނަމަ އޭނާ ހައްޔަރު ކުރުމާމެދު ސިޓީގެ އިދާރާއިން އަދިވެސް ވިސްނަމުންދާ ކަމަށެވެ. އަދި ނަތަންޔާހޫ ހުންނަން ޖެހޭނީ ދަ ހޭގްގައި ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ވަނީ 2024 ވަނަ އަހަރު ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. މަމްދާނީ ވިދާޅުވި ގޮތުގައި ނަތަންޔާހޫއަކީ އައިސީސީން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ މުޖުރިމެކެވެ. އަދި ފާއިތުވި ގިނަ އަހަރުތަކުގައި ނަތަންޔާހޫ ހިންގާފައިވާ އަމަލުތަކަށް ބަލާއިރު، ގިނަ ބަޔަކު މި ރައުޔާ އެއްބަސްވާ ކަމަށް ވެސް މޭޔަރު ފާހަގަ ކުރެއްވިއެވެ.
ބޭރު ގައުމެއްގެ ލީޑަރަކު ހައްޔަރުކުރުމަށް ފުލުހުންނަށް އަމުރުކުރުމުގެ ގާނޫނީ ބާރު އޭނާއަށް ލިބިގެންވޭތޯ އަދި ޔަގީންނުވާ ކަމަށް މަމްދާނީ ވިދާޅުވިއެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން ނިއުޔޯކް ސިޓީގެ ގާނޫނީ އިދާރާއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. “ނިއުޔޯކް ސިޓީގައި ގާނޫނު ތަންދޭ ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން، ނަމަވެސް އެކަމަށްޓަކައި އަމިއްލަ ގާނޫނުތަކެއް ނުހަދާނަން،” މަމްދާނީ ވިދާޅުވިއެވެ.
މޭޔަރުކަމުގެ ކެމްޕޭނުގެ ތެރޭގައިވެސް މަމްދާނީ ވަނީ ނަތަންޔާހޫ ނިއުޔޯކަށް އަތުވެއްޖެނަމަ އޭނާ ހައްޔަރުކުރުމަށް ފުލުހުންނަށް އަމުރުކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އޭނާ އެކަން ސިފަކުރެއްވީ އައިސީސީގެ އަމުރު ތަންފީޒުކުރުމުގެ ގޮތުގައެވެ. އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހު އޮންނަ އދ. ގެ ބައްދަލުވުމަށް ނަތަންޔާހޫ ނިއުޔޯކަށް ދެއެވެ.
މަމްދާނީގެ ވާހަކަތަކަށް ރައްދުދީ އިޒްރޭލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައިސީސީއަކީ އެއްވެސް އަސާސެއް ނެތް ކޯޓެއް ކަމަށާއި، އެ ކޯޓުގެ އަމުރަކީ ބާތިލު އެއްޗެއް ކަމަށެވެ. އަދި މަމްދާނީ މަސައްކަތް ކުރައްވަނީ އޭނާގެ އަމިއްލަ މައްސަލަތަކުން މީހުންގެ ސަމާލުކަން އަނބުރާލުމަށް ކަމަށެވެ.
ގަތުލުއާންމާއި އިންސާނިއްޔަތާ ހިލާފު ކުށްތައް ބެލުމަށް 2002 ވަނަ އަހަރު އުފެއްދި އައިސީސީގެ ބާރު އިޒްރޭލުން ގަބޫލެއް ނުކުރެއެވެ. އަދި އެމެރިކާއާއި އިޒްރޭލަކީވެސް އެ ކޯޓުގެ މެންބަރު ގައުމުތަކެއް ނޫނެވެ.
އައިސީސީގެ ބާރު ކަނޑުވާލުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ހާއްސަ ކެމްޕޭނެއް ފަށާފައެވެ. މިގޮތުން، އިޒްރޭލުން ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރާ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންގެ އިތުރުން އެކި ޖަމާއަތްތަކާ ދެކޮޅަށް އެމެރިކާއިން ދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
