ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ގެ އިތުރު 23 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ފެނުނު މި 23 ކޭސްއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 144 އަށް އަރާފައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވީނަމަވެސް، މިފަހުން މި ބަލީގެ ކޭސްތައް ފެނި އިތުރުވަމުންދާތީ އެޗްޕީއޭއިން ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭއިން ބުނީ، ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިހާތަނަށް 7,100 މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށެވެ. އަދި ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަސް ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.
"މީސްލްސް" ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ މި ބައްޔަކީ ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކު އުޅޭ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަކީ އެންމެ މުހިންމު ފިޔަވަޅުކަމަށް ސިއްހީ އިދާރާތަކުން ފާހަގަކުރެއެވެ.
