ވެރިކަން ކުރާ ޕީއެންސީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެތެރޭގެ އިންތިހާބާ ގުޅުވައި ހުޅުމާލޭގައި ހިންގި މާރާމާރީގެ މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ސްކޫލުގައި ވޯޓު ގުނަމުން ދަނިކޮށް ބަޔަކު ވަދެ މާރާމާރީ ހިންގައި، ސްކޫލުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މި މައްސަލައާއި ގުޅިގެން ރޭ އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއާއެކު މި މައްސަލައިގައި މިހާތަނަށް ޖުމްލަ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ކުރިން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ،

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި ހަމަނުޖެހުމުގައި އެކަކު އަނެކަކަށް ގޮނޑިން ހަމަލާދީ ބޮޑެތި މާރާމާރީތަކެއް ހިންގާފައިވެއެވެ. އެ ވަގުތު އެ ތަނުގައި ތިބި ފުލުހުން މަސްލަހަތު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް، ހަމަނުޖެހުންތައް މައިތިރި ނުވެ ގިނައިރު ވަންދެން ކުރިއަށްގޮސްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.