ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހޮނިހިރު ދުވަހު ކ. ތިލަފުށީގައި ހާއްސަ އެންފޯސްމަންޓް އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ބުނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން އަނބުރައި ގައުމަށް ފޮނުވާލުމަށް ހިންގި މި އޮޕަރޭޝަން އަމާޒުކުރީ ތިލަފުށީގެ ސިނާއީ ސަރަހައްދުތަކަށާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން މީހުން ދަތުރުފަތުރުކުރާ ސަރަހައްދުތަކަށްކަމަށެވެ. އެގޮތުން، ތިލަފުށީ ފެރީ ޓާމިނަލާއި، ސްޓެލްކޯ ޓީ-ޖެޓީ ސަރަހައްދާއި، އެ ރަށުގެ އެކި ސިނާއީ ޒޯންތައް ހިމެނޭހެން މުހިންމު ސަރަހައްދުތަކެއް ޖޮއިންޓް ޓީމުތަކުން ބަލައި ފާސްކުރިކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްގެ 31 މީހުންނާއި، އިންޑިއާ 3 މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސަބަބުތަކުގެ ތެރޭގައި، ވިސާގެ މުއްދަތު ހަމަވެފައިވުމާއި، ހުއްދަ ނެތް ތަންތަނުގައި މަސައްކަތްކުރުމާއި، ވިސާގެ ޝަރުތުތަކާ ހިލާފަށް އަމިއްލައަށް ވިޔަފާރިކޮށް އާމްދަނީ ހޯދުމުގެ އިތުރުން ވޯކް ޕާމިޓް ފީ ދައްކާފައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، މަސައްކަތްކުރާ ތަންތަނުން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބައެއް މީހުންނާއި، ތިލަފުށީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ވެސް މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުން މިހާރު ވަނީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އަނބުރާ ގައުމަށް ފޮނުވާލުމުގެ މަރުހަލާތައް ފުރިހަމަކުރުމަށްޓަކައި އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ހިންގޭ މިފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ހަމަޖެހުމާއި، އަމަން އަމާންކަމުގެ އިތުރުން ގައުމުގެ އިގްތިސާދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށް ފުލުހުން ފާހަގަކުރެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މިފަދަ އެންފޯސްމަންޓް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންނެވެ.