ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފުރަތަމަ ފެންމަތި ވެފައިވަނީ ސޯޝަލް މީޑިއާގައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން މަގާމުން ވަކިކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޔަސީންކަމަށެވެ.

ޝަރީފް ވިދާޅުވީ ޔަސީންއަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމުން އެ މައްސަލަ ފުރަތަމަ ބެލީ ފިޝަރީޒް މިނިސްޓްރީންކަމަށާއި، މައްސަލަ ސަމާކުމަކަށް އައުމާ އެކު އޭނާ ސަސްޕެންޑުކުރި ކަމަށެވެ.

ޝަރީފް ވިދާޅުވީ މިނިސްޓްރީގެ އެތެރޭގެ ތަހުގީގަށް ފަހު، އެ ތުހުމަތުތަކުގައި ހަގީގަތްތަކެއް ހުރުމުން ޔަސީން މަގާމުން ވަކިކުރީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ.