ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން އެ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
މި ދެ އޮޕްރޭޝަން ހިންގާފައި ވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއާއި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން ފުލުހުން ބުނި ގޮތުގައި ޖުލައި 7 ގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލޭކޮކާ، ހަސަން އިބްރާހީމް (27އ) އާއި، ހދ. ކުޅުދުއްފުށި / ކަގި، ފާތިމަތު އަލީ (32އ) އެވެ.
އެ މީހުން ހައްޔަރުކޮށް، އެ މީހުންތިބި ގެސްޓްހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 3.9 ގުރާމް ކަމަށް ވެއެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތީގެ ބޭނުންކުރާކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަސަން އިބްރާހީމް 10 ދުވަހަށް އަދި ފާތިމަތު އަލީ ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތި ދީފައެވެ.
މީގެ އިތުރުން، މި ދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ހދ.ކުޅުދުއްފުށި / އެނީޒާ، އާދަމް މުހައްމަދު (42އ) އާއި، ހދ. ކުޅުދުއްފުށި / ހުވަފެނީއައްސޭރި، އަހުމަދު އިސްމާއީލް (33އ) އެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ.
ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 14.06 ގުރާމް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 8 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
