ސ. ހިތަދޫގައި ހިންގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މާރާމާރީގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ ޖުލައި 04 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރުއެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށްފައިވަނީ ޖުލައި 6 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ އަތީނާ، ޝިޔާހު މުހައްމަދު (26އ)، އަދި ސ. ހިތަދޫ، ބޯޅަކިންކިރުމާގެ، މުހައްމަދު މާހިލް އަހްމަދު (18އ) ގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ. މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ މި ތިން މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުންދަނީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުންނެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލަކަށް ޖާގަ ނުދޭނެކަމަށާއި، މިފަދަ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމަށެވެ.
