މާލެ ސަރަޙައްދުގައި ހިންގާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން، ފާއިތުވި ހަފުތާގެ ތެރޭގައި 611,416 ރުފިޔާގެ އަގުހުރި މުދަލާއި ފައިސާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ތަކެތި ހޯދާފައި ވަނީ މިދިޔަ މަހުގެ 28 އިން މި މަހުގެ 4 ގެ ނިޔަލަށެވެ. މިއީ މާލެ ސިޓީގެ އެކި އަވަށްތަކުގައި ހަރަކާތްތެރިވާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކާއި ތަހުގީގުތަކުގެ ތެރެއިން ހޯދި ކާމިޔާބީއެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންތަކުގައި އެންމެ ގިނަ އަދަދެއްގެ ފައިސާއާއި މުދާ ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ.

އެކި އަވަށްތަކުގެ ޕޮލިސް ސްޓޭޝަންތަކުން ހޯދި ތަކެތީގެ ތަފްސީލަކީ:

  • ގަލޮޅު ޕޮލިސް ސްޓޭޝަން: 233,881 ރުފިޔާ
  • މާފަންނު ޕޮލިސް ސްޓޭޝަން: 104,008 ރުފިޔާ
  • ހެންވޭރު ޕޮލިސް ސްޓޭޝަން: 175,000 ރުފިޔާ
  • ވިލިމާލެ ޕޮލިސް ސްޓޭޝަން: 627 ރުފިޔާ
  • ސްޕެޝަލް އެންފޯސްމަންޓް ޓީމް: 97,900 ރުފިޔާ

ފުލުހުން ހާމަކުރި ގޮތުގައި، މި މަސައްކަތަކީ މައްސަލަތައް ތަހުގީގުކޮށް، ގެއްލޭ މުދާ ހޯދައި އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމަށް ފުލުހުން ކުރަމުންދާ މެދުކެނޑުމެއް ނެތް މަސައްކަތުގެ ބައެކެވެ. މީގެ ބޭނުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ހިދުމަތަށް އޮންނަ އިތުބާރު ދެމެހެއްޓުމެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ އަދަދުގެ ބޮޑު ބައެއް ހޯދާފައިވަނީ މާލޭގެ އާބާދީ ބޮޑު އަދި ވިޔަފާރިތައް ގިނަ ސަރަހައްދުތަކުންކަން ފާހަގަކުރެވެއެވެ.