ނޯތު ހާބަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލަށް އަމަލުކުރަން ފެށި ކިޔޫ އުސޫލުގެ ސަބަބުން ރަށްރަށަށް މުދާ އުފުލާ ބޯޓުފަހަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެ، އޮޑިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެމްޕީއެލްގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله އަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މިދިޔަ މާޗު މަހުގެ 14 އިން ފެށިގެން އަމަލުކުރަން ފެށި އާ އުސޫލުގެ ދަށުން ބަނދަރަށް ކައިރިކުރަން ކިޔޫ ނަންބަރެއް ހޯދުމަށްފަހު، 10 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތަކަށް މަޑުކުރަން ޖެހެއެވެ.

މިކަމުގެ ސަބަބުން ކުރިން މަހަކު ދެ ތިން ދަތުރުކުރާ ބޯޓުފަހަރަށް މިހާރު ކުރެވެނީ އެންމެ ދަތުރެއް ކަމަށާއި، މީގެ ސަބަބުން އޮޑިވެރިންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެ، ރަށްރަށަށް މުދާ ސަޕްލައިކުރުމަށް ބުރޫއަރަމުންދާ ކަމަށް ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން މި ސިޓީގައި ކިޔޫގައި ގިނަދުވަހު މަޑުކުރަންޖެހުމުގެ ސަބަބުން ދަތުރުތައް މަދުވެ، މުވައްޒަފުންގެ މުސާރައާއި ތެލުގެ ހަރަދު ދެކޮޅުނުޖެހުމުގެ އިތުރުން މާލޭ ބޭރުމަގު ފުޅާކުރުމުގެ މަޝްރޫއާއެކު ބޯޓުފަހަރު އަޅާނެ ޖާގަ ކުޑަވެފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައެއް ޒޯންތަކުން ބޮޑު ފީއެއް ނަގަމުންދާއިރުވެސް ކަރަންޓާއި ފެނުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާކަން ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އޮޑިވެރިންގެ މި ކަންބޮޑުވުންތަކާއި ގުޅިގެން މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޕީއެލްގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށްދިނުމަށް މުހައްމަދު އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.