ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ޕޭވްމެންޓް ނުވަތަ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުތަކަކީ ފައިމަގުގައި އުޅޭ މީހުންނަށް އަމާންކަމާއެކު ދަތުރުކުރެވޭނެ ގޮތަށް ހަމަޖެހިފައިވާ ތަންތަން ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެ ސަރަހައްދުތަކުގައި ސައިކަލާއި އެހެނިހެން އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭކަން ވަނީ ފާހަގަކުރެވިފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އިތުރަށް ހަނދާންކޮށްދިނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށެވެ. މި ގާނޫނުގެ ދަށުން ދުވާރުމަތީގައި ބޭނުންކުރުން ހުއްދަވަނީ ހަމައެކަނި ކުޑަކުދިންގެ ޕްރޭމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި އެކަންޏެވެ.

ދުވާރުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންގެ ހައްގަކަށްވާތީ، އެ ހައްގަށް އިޙްތިރާމްކޮށް، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަކުންވެސް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.