މާލެ، ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ޖުލައި މަހުގެ 4 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑު. ފެއަރީ، އަހްމަދު ނަސްރު (46އ) އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް އަލީ ޝަރީފް (35އ) އެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި 4 ވަނަ ދުވަހުއެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި މަސައްކަތުން، ސީސީޓީވީ ފުޓޭޖުތައް ބަލައި ވައްކަންކުރި މީހުން ދެނެގަނެ، އެމީހުން ވަނީ ހޯދައި ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ލޮއިނަރު ރޯލުތައް ފުލުހުން ވަނީ ހޯދައި، މިހާރު އެ ތަކެތި ފިހާރައިގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
