ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ތާރިގު ރަހްމާން، އަވަށްޓެރި އިންޑިއާއާ އެކު އޮންނަ ގުޅުން ރަނގަޅުކުރަން މަސައްކަތްކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ޗައިނާއާ އެކު އިގުތިސާދީ އަދި ސްޓްރެޓީޖިކް ގުޅުން ބަދަހިކުރައްވަން ފައްޓަވައިފިއެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝްގެ އިގުތިސާދު ކޮޅަށްޖެހުމަށްޓަކައި ޗައިނާގެ އިންވެސްޓްމަންޓްތައް ހޯއްދެވުމަށް އެ ގައުމުގެ އާ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މިދިޔަ މަހު ބޮޑުވަޒީރު ތާރިގު ރަހްމާން ވަނީ މެލޭޝިއާ އަދި ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިއީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުތަކެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ އާ ލީޑަރުން އާންމުގޮތެއްގައި އެންމެ ފުރަތަމަ ޒިޔާރަތްކުރައްވަނީ އިންޑިއާއަށެވެ. ނަމަވެސް ތާރިގު ރަހްމާން ޗައިނާ ހިޔާރުކުރެއްވުމަކީ އިންޑިއާއަށް ދެއްވި މެސެޖެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗައިނާގެ ދަތުރުފުޅުގައި ބަންގްލަދޭޝްއިން ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މީގެ ތެރޭގައި ތީސްތާ ކޯރު މެނޭޖުކުރުމަށް ޗައިނާގެ އެހީތެރިކަން ހޯދުމާއި، މޮންގްލާ ބަނދަރު ކައިރީގައި ހާއްސަ އިގުތިސާދީ ސަރަހައްދެއް ތަރައްގީކުރުމުގެ އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން، ޗައިނާ-މިޔަންމާ-ބަންގްލަދޭޝް އިކޮނޮމިކް ކޮރިޑޯ ތަރައްގީކުރުމަށް ވެސް ޗައިނާއިން ވަނީ ހުށަހަޅާފައެވެ.

2024 ވަނަ އަހަރުގެ އޮގަސްޓު މަހު އޭރުގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން ވެއްޓުމާ ގުޅިގެން އިންޑިއާ އަދި ބަންގްލަދޭޝްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާގެ ދިއްލީއަށް ވަޑައިގެންފައެވެ. މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުގެ ދުވަސްވަރު ގުޅުން ގޯސްވެފައި އޮތުމަށްފަހު، ފެބްރުއަރީ މަހު ބޭއްވި އިންތިހާބު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށް ތާރިގު ރަހްމާން ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން 18 މަސްދުވަހުގެ މެދުކެނޑުމަކަށްފަހު ކޮލްކަތާ އަދި ޑާކާއާ ދެމެދު، އަދި ޑާކާ އާއި އަގަރްތަލާއާ ދެމެދު ބަހުގެ ހިދުމަތް ވަނީ އަލުން ފަށާފައެވެ.

އިންޑިއާއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ވިސާ ދޫކުރަން ފަށާފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ ދަތިކަން ކުރިމަތިވި ވަގުތު އިންޑިއާއިން ވަނީ ބޯޑަރު ހުރަސްކޮށް އެތައް ހާސް ޓަނެއްގެ ތެޔޮ ބަންގްލަދޭޝްއަށް ފޯރުކޮށްދީފައެވެ. އަދި އިންޑިއާއިން ބަންގްލަދޭޝްއަށް ކަނޑައެޅި އާ ހައިކޮމިޝަނަރު ދިނޭޝް ޓްރިވެދީ މިދިޔަ މަހު ވަނީ މަގާމާ ހަވާލުވެވަޑައިގެންފައެވެ. އިންޑިއާއިން ވަނީ އޭނާއަށް ކެބިނެޓް ފެންވަރުގެ ދަރަޖައެއް ދީފައެވެ. މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި 13 ބިލިއަން ޕައުންޑުގެ ވިޔަފާރިކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ އިންޑިއާއިންނެވެ.

ގުޅުން ރަނގަޅުވަމުން ދިޔަ ނަމަވެސް، އަދިވެސް މައްސަލަތަކެއް އެބަހުއްޓެވެ. ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާގެ ބޯޑަރ ސެކިއުރިޓީ ފޯސްއިން ދަނީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ކަމަށް ބުނެ، ބެންގާލީ ބަހުން ވާހަކަދައްކާ އެތައް ހާސް މުސްލިމުންނެއް ގަދަކަމުން ބަންގްލަދޭޝްއަށް ފޮނުވާލަމުންނެވެ. މީގެ އިތުރުން، އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގެ އިންތިހާބުގެ ތެރޭގައި ހިންދޫ ނޭޝަނަލިސްޓް ސިޔާސީ ފަރާތްތަކުން ބަންގްލަދޭޝްއާ ދެކޮޅަށް ދެއްކި ވާހަކަތަކުގެ ސަބަބުން ވެސް ނުތަނަވަސްކަން އުފެދިފައިވެއެވެ. މިދިޔަ މެއި މަހު ބޭއްވި އިންތިހާބުގައި ބީޖޭޕީން ވަނީ 16 އަހަރު ވަންދެން އެ ސްޓޭޓްގައި ވެރިކަންކުރި ޓްރިނަމޫލް ކޮންގްރެސް ބަލިކޮށްފައެވެ.

ތީސްތާ ކޯރުގެ މައްސަލައިގައި ޗައިނާގެ ދައުރެއް އޮތުމަކީ އިންޑިއާއިން ކަންބޮޑުވާ ކަމެކެވެ. މި މަޝްރޫއު ހިންގާ ސަރަހައްދަކީ އިންޑިއާގެ މައި ސަރަހައްދާއި އިރުއުތުރުގެ ސްޓޭޓްތައް ގުޅުވައިދޭ 22 ކިލޯމީޓަރުގެ ހަނި ސަރަހައްދު ކަމަށްވާ "ސިލިގުރީ ކޮރިޑޯ" އާ ކައިރި ހިސާބެކެވެ. އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިޔާމް ސަރަން ވިދާޅުވި ގޮތުގައި، އިންޑިއާގެ ބޯޑަރާ ކައިރީގައި ޗައިނާއިން ހިންގާ އެއްވެސް މަޝްރޫއަކީ އިންޑިއާއިން މަރުހަބާ ކިޔާނެ ކަމެއް ނޫނެވެ. ޗައިނާއަކީ މިހާރުވެސް ބަންގްލަދޭޝްއަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމެވެ. ބަންގްލަދޭޝްއިން ޗައިނާއަށް 6 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދައްކަން ޖެހެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއަކުން ވިދާޅުވި ގޮތުގައި، ޗައިނާއާއި ބަންގްލަދޭޝްގެ ގުޅުމަކީ ތިންވަނަ ގައުމަކަށް އަމާޒުކޮށްގެން ބާއްވާ ގުޅުމެއް ނޫނެވެ. ދެ ގައުމުގެ ގުޅުން އާރާސްތުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ދިއްލީގައި ހުންނެވުމެވެ. މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވި މައްސަލައިގައި އިންސާނިއްޔަތާ ހިލާފު ކުށްތަކުގެ ދައުވާ ސާބިތުވެ، ހާއްސަ ޓްރައިބިއުނަލަކުން މިދިޔަ އަހަރު ވަނީ ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. ބަންގްލަދޭޝްއިން ދަނީ ހަސީނާ އަނބުރާ ގައުމަށް ފޮނުވާލުމަށް އިންޑިއާގައި އެދެމުންނެވެ.