ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ފައިނޭންސިން އަށް ބޮޑެތި ލުއިތަކެއް ގެނެސް، އެ ޚިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.
މިއީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ވީހާވެސް އަވަހަށް އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި ބޭންކުން ގެނައި ބަދަލެކެވެ. މި ބަދަލާއެކު، ފައިނޭންސިން އަށް އެދި ހުށަހަޅާ މަރުހަލާ އިތުރަށް ހަލުވިވެ، އެދޭތާ 5 ދުވަސްތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ބޭންކުން ބުނި ގޮތުގައި، ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި، 2 މިލިއަން ރުފިޔާއާ ހަމައަށް މިހާރު ފައިނޭންސިން ދޫކުރާނެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް ބޭންކުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ.
މި ފައިނޭންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބީއެމްއެލް މާޗަންޓް ހިދުމަތް މެދުވެރިކޮށް މަދުވެގެން 6 މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20,000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއެކު، އެއްވެސް މާލީ އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައި އޮވެގެން ނުވާނެއެވެ.
މި ފައިނޭންސިން އަނބުރާ ދެއްކުމުގައިވެސް ވިޔަފާރިވެރިންނަށް ވަނީ ބޮޑު ލުޔެއް ދީފައެވެ. އެގޮތުން، ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި ހިދުމަތަށް އެދި ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ.
