ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަކީ ސިޔާސީ ކުލަޖެހިފައިވާ ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ ނިންމުން އަނބުރާ ގެންދިއުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނޫންތޯ ކަނޑައެޅުމަށް ގާނޫނީ ގޮތުން ސާފު އިޖުރާއަތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. ނަމަވެސް، އެކަންކަން ފުރިހަމަނުކޮށް ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން އަންގާފައިވާ އެންގުން އަނބުރާ ގެންދަން ޖެހޭ،" ޝާހިދު ވިދާޅުވިއެވެ. ޝާހިދު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުން ގާނޫނުގެ ވެރިކަން ކުރަން ދަސްކުރަން ޖެހޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެލްޖީއޭ އިން ނެރުނު ރަސްމީ ސިޓީއެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، ޝުޖާއު އަލީ ކައުންސިލްގެ ރައީސްކަމުގެ މަގާމުން ވަކިވެފައިވާ ކަމަށެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މިއީ ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް، ސިޔާސީ ބޭނުމެއްގައި ނިންމާފައިވާ ނިންމުމެކެވެ.
