ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ޝާއިއުކުރި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އަލިއަޅުވާލައި އެކަމަށް ހާއްސަކުރި މި އެޕިސޯޑްގައި، "ދަ ޕްރެސް" ނޫހުގެ ސުވާލުތަކަށް އެމަނިކުފާނު ވަނީ ތަފްސީލީ ޖަވާބުތަކެއް ދެއްވާފައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފާ އެކު ކުރިއަށްގެން ދިޔަ މި ޕޮޑްކާސްޓްގެ ފުރަތަމަ ސެގްމަންޓްގައި އާންމު ރައްޔިތުން ފާޅުކުރި ބައެއް ޝުޢޫރުތަކަށް ވެސް ރައީސް ޖަވާބުދާރީ ވެވަޑައިގަތެވެ. ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ، މި ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމައަށް ބޭނުން ހިފޭ، އަބުރުވެރި ބަޔަކަށް ހެދުން ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ އޭގެ 'ރޫޓް ކޯޒް' ނުވަތަ އަސްލު ސަބަބުތައް ހޯދައި، އެކަންކަމަށް ފަރުވާ ދެވިގެންނެވެ. މީގެ ތެރޭގައި ގޯތިގެދޮރުގެ މައްސަލައާއި، މީގެ ކުރިން ގެންގުޅެފައިވާ ތަރައްގީގެ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "މަތިމަތިން ކަމެއް ކޮށްލައިގެން މިކަން ހައްލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
މި މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތައް:
- ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން.
- އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުން.
- ކުދި ވިޔަފާރިތަކަށް އެހީތެރިވުމާއި އަންހެނުން ބާރުވެރިކުރުވުން.
- ދުޅަހެޔޮ ސިއްހީ ނިޒާމަކާއި ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތައް އިތުރުކުރުން.
މީގެއިތުރުން، ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އުތުރުތިލަފަޅުގެ ވަކި ސަރަހައްދެއްގައި އެންމެ ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން މަޝްރޫއެއް ހިންގުމަށް ނިންމަވާފައިވާކަން ވެސް ރައީސް ހާމަކުރެއްވިއެވެ. މި މަޝްރޫޢަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ނަމަވެސް، މިހާރު ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށާއި، މި ދައުރުގެ ތެރޭގައި މިކަމުގެ އަމަލީ ނަތީޖާ ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
