ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިިން ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޔޫއެސް ޑޮލަރު އިންވެސްޓްކުރުމުގެ އާ ފުރުސަތުތަކެއް މިއަދު ހުޅުވާލައިފިއެވެ. މި ހިދުމަތް ތައާރަފުކޮށްފައިވަނީ ބޭންކުން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުއާމަލާތްތަކަށް އަމާޒުކޮށްގެންނެވެ.
މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ބޭންކުން ވަނީ ނިންމާފައެވެ. މި އިންވެސްޓްމަންޓްތަކަކީ އެކި މިންވަރަށް ފައިދާލިބޭ "އިންވެސްޓްމަންޓް ޕޫލް" ތަކެއްގެ ގޮތުގައި ކުރިއަށްގެންދާ ކަންކަމެވެ. ބޭންކުން ހާމަކުރި ގޮތުގައި، މި ޕޫލްތަކުން 25 ޕަސެންޓާ ހަމައަށް ފައިދާ ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެއެވެ.
މި ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބޭންކުގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ފަސޭހަކަމާއެކު އިންވެސްޓް ކުރެވޭނެއެވެ. އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެ ކަމަށާއި، އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ.
މި ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، ފާއިތުވި 5 އަހަރުގެ ތެރޭގައި ކާޑުތަކުން ވިއްކާ ޑޮލަރުގެ މިންވަރު 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ. އެވްރެޖްކޮށް މަހަކު 39.3 މިލިއަން ޑޮލަރު ވިއްކަމުންދާއިރު، ކޮންމެ މަހަކު 250,000 އާއި 300,000 އާ ދެމެދުގެ އަދަދަކަށް މީހުން ރުފިޔާ ކާޑުން ބޭރުގެ މުއާމަލާތްތައް ކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ދިވެހިން އޮންލައިންކޮށް މުދާ ގަތުމަށް ކުރާ މުއާމަލާތްތައް (ކްރޮސް-ބޯޑަާ އީ-ކޮމާސް) އިތުރުވުމަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއަރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.
މި އާ ނިޒާމުގެ ސަބަބުން ބޭންކަށް ލިބޭ ޑޮލަރު، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ކަމަށްވާ ކާޑު ޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރިތަކުގެ އިތުރުން މުދާ އިމްޕޯޓްކުރުމަށް ފޯރުކޮށްދެވޭނެއެވެ. މި ހަފްލާގައި "އެފް.އެކްސް އިންވެސްޓްމަންޓް" ހިދުމަތް ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ދައްކާލުމުގެ އިތުރުން، ބޭންކުގެ ބޭރު ފައިސާގެ ސްޓްރެޓެޖީއާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދީފައިވެއެވެ.
