މާލޭގެ މަގުތަކަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މަގުމަތި ސާފުތާހީރުކޮށް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ގަވާއިދާ ހިލާފަށް މަގުމައްޗަށް ކުނި އުކާލާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ވަނީ ވަރުގަދަކޮށްފައެވެ.

ކައުންސިލުން ވޭތުވެދިޔަ 2 ގަޑިއިރުގެ ތެރޭގައި ހާމަކުރި އެފަދަ މައްސަލަތަކަށް ބަލާއިރު، މާލޭގެ ހަތަރު ސަރަހައްދަކަށް ގަވާއިދާ ހިލާފަށް ކުނި އަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސަމީމީ ގޯޅި
  • ފަނޑިޔާރު މަގު
  • ކުއްޅަވައްގޯޅި، އެއްގަމު ސެލޫން ކުރިމަތި
  • މިރިޔާސްމަގު، ފަރުމާ ޓެއިލާސް ކުރިމަތި

މި ސަރަހައްދުތަކަށް ކުނި އެޅި ފަރާތްތައް ދެނެގަތުމަށްޓަކައި، އެ ސަރަހައްދުތަކުގެ ފޮޓޯއާއި ވީޑިއޯ ސިޓީ ކައުންސިލުން އަންނަނީ އާންމުކުރަމުންނެވެ. އަދި އެމީހުން ދެނެގަތުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި ސަރަހއްދުތަކަށް ނެރފައި ހުރި ކުނިތަކުގެ ތެރޭގައި ތެޔޮހަން، ޓައްޕު، ގޮދަޑި ފަދަ ސާމާނުގެ އިތުރުން ވެސް ފޮށިގަނޑުތަކާއި ހަލާކުވެފައިވާ ފަރުނީޗަރުގެ ބައިތައް އަދި ކޮތަޅުކޮތަޅުގެ ކުނި ހިމެނެއެވެ.

މި ހަތަރު ސަރަހައްދަށް ކުނި އެޅި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިއަދު މާލެ ސިޓީ ކައުންސިލުން ވަނީ މުވެޔޮމަގަށް ކުނި އެޅި މީހެއްގެ ސީސީޓީވީ ފުޓޭޖްވެސް އާންމުކޮށްފައެވެ.

މާލޭގެ މަގުތަކާއި ހުސް ބިންތަކަށް ކުނި އެޅުމަކީ "އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުން މަނާ ކަމެކެވެ. މި ގާނޫނުގެ ދަށުން، ގަވާއިދާ ހިލާފަށް ކުނި ބަހައްޓާ ކޮންމެ މީހަކު 500 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މިކަން މޮނިޓާ ކުރުމަށްޓަކައި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 70 އަށް ވުރެ ގިނަ މުވައްޒަފުން، މާލެ 8 ޒޯނަކަށް ބަހާލައިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މޭ މަހުގެ ތެރޭގައި އެކަނިވެސް މަގުތަކަށް ކުނި އެޅުމުގެ 300 އަށް ވުރެ ގިނަ މައްސަލަ ބަލާފައިވާ އިރު، 100 އަށް ވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން އިލްތިމާސް ކުރަނީ، މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ވެމްކޯ މެދުވެރިކޮށް ކުނި ނައްތާލުމަށެވެ. މަގުމައްޗަށް ކުނި އެޅުމަކީ އާންމު ސިއްހަތަށް ނުރައްކާވެ، ބަލިމަޑުކަން ފެތުރުމަށް މަގުފަހިވާ ކަމަކަށް ވާތީ، މިކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން ވެސް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭ ނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވުމަށް ކައުންސިލުން އެދެއެވެ. މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.