ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އެލްނީނޯ އުފެދުމާ ގުޅިގެން، ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕެސިފިކް ކަނޑުގެ މެދުތެރެ އާއި އިރުމަތީ ސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށް ވުރެ މަތީގައެވެ. ދުނިޔޭގެ މޫސުމާ ބެހޭ އެޖެންސީ އިން މި މަހުގެ ކުރީކޮޅު ރަސްމީކޮށް އެލްނީނޯ ފެށިފައިވާކަން އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިނަށާއި ވާރޭވެހޭ މިންވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެލްނީނޯގެ ސަބަބުން ރާއްޖޭގެ ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރުވާއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު އާދަޔާ ހިލާފަށް މަދުވެގެންދާނެކަމަށް މެޓުންވަނީ ބުނެފައެވެ. މެޓް އޮފީހުން ފާހަގަކުރި ގޮތުގައި ކޮންމެ އެލްނީނޯ އަހަރެއްގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ އަސަރު އެއްގޮތް ނުވެދާނެއެވެ. އަދި އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖޭގެ މޫސުމަށް އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ ހާލަތްތަކުގެ ސަބަބުން ވެސް ބަދަލުތައް އަންނަކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށް ކަނޑުގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާއިރު ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.
