މާލެ ސަރަހައްދުގައި ހިމަބިހި (މީސަލްސް) ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އާންމުންނަށް ހުޅުވާލައިގެން ހިންގާ ޚާއްޞަ ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މިއަދު ފެށިގެން ކުރިއަށްދާ މި ހަރަކާތުގެ ދަށުން، މިވަގުތު އެންމެ އިސްކަމެއް ދީގެން ވެކްސިން ދެމުންދަނީ ސިއްހީ ހިދުމަތްތެރިންނަށާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް ތިބި ކުދިންނަށެވެ. މީގެ އިތުރުން، އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މި މަހުގެ 30 ވާ އަންގާރަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާއިރު، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް އެޗްޕީއޭ އިން ދަނީ ތައްޔާރުވަމުންނެވެ.

އެމްއާރް ވެކްސިން ދޭ މަރުކަޒުތައް

ބަލި ފެތުރުމުގެ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 22 އަށް އަރާފައެވެ. އެޗްޕީއޭއިން ބުނީ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންކަމަށެވެ. އަދި މި ބައްޔާ ގުޅިގެން މިހާތަނަށް 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 173 މީހަކު ކަމާބެހޭ ފަރާތްތަކުން މޮނިޓަރު ކުރަމުންދާކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ހިމަބިހީގެ މި ހާލަތަށް އިޖާބަދިނުމުގެ ގޮތުން ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ތަމްރީނުތަކާއި ރިފްރެޝާ ޕްރޮގްރާމްތައް އެޗްޕީއޭއިން ދަނީ ހިންގަމުންނެވެ.

އެޗްޕީއޭ އިން އިލްތިމާސްކުރަނީ މިއަދު ފެށިގެން ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގައި ހުރިހާ ބޭފުޅުންވެސް ބައިވެރިވެ، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދެއްވުމަށެވެ.