ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ސީދާ ގާތުން އަޑުއެއްސެވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފަށްޓަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ކޮންމެ ހަފުތާއަކުވެސް އެއް ދުވަސް ނުވަތަ ދެ ދުވަސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ހާއްސަ ކުރައްވާނެކަމަށެވެ. އަދި މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވަނީ ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ރާއްޖޭގެ ހުރިހާ ދާއިރާތަކެއް ހިމެނޭ ގޮތަށް ގިނަ އާއިލާތަކަކަށް އެ ފުރުސަތު ފަހިވާނެ ގޮތަށެވެ.

ރައްޔިތުންގެ ޝަކުވާތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެކި ގޮތްގޮތުން ހުށަހަޅާ މައްސަލަތައް ބަލައި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ރައީސް އޮފީހުގައި ހާއްސަ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ގިނަ މައްސަލަތަކަށް މިހާރުވެސް ހައްލު ހޯދައިދީފައިވާނެ ކަމަށާއި، ޖަވާބެއް ނުލިބި ލަސްވާ ކަންކަމަކީ ފްލެޓް ފަދަ ބޮޑެތި މަޝްރޫއުތަކާ ގުޅުންހުރި ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާ ސީދާ ބައްދަލުނުކުރެވޭ ފަރާތްތަކުގެ ޝަކުވާތައް އޮޅުންފިލުވުމުގައި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު މިހާތަނަށް ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު، ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތުވެސް ގާތުން ބައްލަވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރަށްވުރެ އިތުރު ވަގުތު ހުސްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.