ގަވައިދާ ހިލާފަށް ކޯސްތައް ހިންގަމުން ގެންދާތީ އެވިޑް ކޮލެޖަށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެޅި ފިޔަވަޅު އުވާލައިފިއެވެ.

މިއަދު އެމްކިޔުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެވިޑް ކޮލެޖަށް އެޅި ފިޔަވަޅުތައް މުރާޖައާ ކުރުމަށް އެ އޮތޯރިޓީއާ އެކު ކޮލެޖުން މި މަހުގެ 18ގައި ބައްދަލުކުރި ކަމަށާއި، މި މަހުގެ 22 ގައި އެމްކިއުއޭގެ ޓީމުން އެ ކޮލެޖަށް ޒިޔާރަތް ކުރި ކަމަށެވެ.

އެމްކިއުއޭއިން ބުނީ އެވިޑް ކޮލެޖަށް ޒިޔާރަތް ކޮށް ބެލި ބެލުމުން ގަވައިދާ ހިލާފުވެފައިވާ ކަންކަން އެ ކޮލެޖުން ރަނގަޅު ކޮށްފައިވާ ކަމަށާއި އެހެންކަމުން އެ ކޮލެޖަށް އަލާފައިވާ ވަގުތީ ފިޔަވަޅުތަށް އުވާލާފައި ވާކަމަށެވެ.

އެވިޑް ކޮލެޖަށް އޭރު ފިޔަވަޅު އެޅީ އެ ކޮލެޖުން ހިންގަމުން ގެންދިޔަ ގިނަ ޕްރޮގްރާމްތަކަކާ ބެހޭ ގޮތުން އެ އޮތޯރިޓީ އަށް ގިނަ އަދަދެއްގެ ޝަކުވާ ހުށަހެޅުމުންނެވެ. އެގޮތުން ލެކްޗަރާ އިންނަށް ދޭން ޖެހޭ މުސާރަ ދީފައި ނުވާތީ، ދަރިވަރުންގެ އިމްތިހާން ކަރުދާސްތައް ބައެއް ލެކްޗަރާއިން މާކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހުން ފަދަ ޝަކުވާތައް ހުއްޓެވެ.

މި ޝަކުވާތަކާ ގުޅިގެން އެމްކިއުއޭއިން ވަނީ، އެވިޑް ކޮލެޖްގެ 7 ޕްރޮގްރާމެއްގެ 'ރެންޑަމް ބެޗް އޮޑިޓް' ކުރިއަށް ގެންގޮސް އޮޑިޓްގައި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ހިލާފަށް ގިނަ ކަންތައްތަކެއް އެވިޑް ކޮލެޖުން ކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށް ބުނެފައެވެ.

އެވިޑް ކޮލެޖުގެ އިތުރުން އެމްކިއޭއިން މިދިޔަ މަހުގެ 28 ގައި ވަނީ ކްލިކް ކޮލެޖަށްވެސް ފިޔަވަޅު އަޅާފައެވެ. އެގޮތުން އެމްކިއުއޭގެ ހުއްދަ ނުހޯދައި އީ ލާނިން ޑެލިވަރީ މޮޑާލިޓީގެ ދަށުން އެ ކޮލެޖުން ޕްރޮގްރާމްތައް ހިންގާފައި ވާކަމަށް ބުނެފައި ވެއެވެ.