އެވިޑް ކޮލެޖުން ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުގެ ކޮލެޖްތަކުގައި ކޯސްތައް ހިންގަމުންދާ މައްސަލައިގައި ނަސޭހަތްތެރިވެފައިވާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާޏެއްގައި ބުނީ، އެމްކިއުއޭގެ އެކްރެޑިޓޭޝަން ގަވާއިދު (ގަވާއިދު ނަންބަރު 2022/R-77 އާއި "ގައިޑްލައިންސް ފޮ ޕްރޮގްރާމް އެކްރެޑިޓޭޝަން" (ގައިޑްލައިން ނަންބަރު 2022/G-39) އާއި އެމްކިއުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގުރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025/R-89) އާ ހިލާފަށް އެވިޑް ކޮލެޖުން ޕްރޮގްރާމްތަކެއް ހިންގަމުްނދާ ކަމަށް މައުޅުމާތު ލިބިފައިވާ ކަމަށެވެ. އެ ގޮތުން ސްރީލަންކާގެ "އެމަޒޯން ކޮލެޖް" އަދި "އަލްޒެޓް ޔުނިވާސިޓީ" (ވަކި ގައުމެއްކަން ނޭނގޭ) ގައި ޕްރޮގްރާމްތައް ހިންގައި، އެތަންތަނުން ސަނަދު ހޯދި ދަރިވަރުން ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ދަރިވަރުންނާއި، އެކި ގައުމުތަކުގެ ކޮލިފިކޭޝަންސް އެޖެންސީތަކުންނާއި އަދި އެވިޑް ކޮލެޖުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ.
ހަމައެއާއެކު، ސްރީލަންކާގެ "ޗެސްޓާ ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން" އާއި "އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް" އާއި "އިނޮވޭޓަސް ކެމްޕަސް" އާއި "ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް" އަދި "ބިޓްވިން ކެމްޕަސް" ގައި އެވިޑް ކޮލެޖްގެ ޕްރޮގްރާމްތައް ސްރީލަންކާގައި ހިންގުމަށް އިޝްތިހާރުކޮށް އިއުލާންކޮށްފައިވާ ކަން ވެސް އެނގިފައިވާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ. މި ތަންތަނަކީ ސްރީލަންކާގެ TVEC، UGC އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން" ގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަން ނޫން ކަމަށް އެމްކިއުއޭ އިން ބުނެފައި ވެއެވެ.
އެމްކިއުއޭ އިން ބުނީ، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށީގެން އެ އޮތޯރިޓީން ދަނީ، އެތަނުން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ހިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި ނަސޭހަތްތެރިވަމުން ކަމަށެވެ. އެހެންނަމަވެސް، މިއަދާ ހަމައަށް އައި އިރުވެސް އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަކަމަށް އެމްކިއުއޭ އިން ބުނެއެވެ.
މިފަދަ ޢަމަލުތަކުގެ ނަތީޖާއަކަށް ވެގެން ދާނީ، ބައިނަލްއަގްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ގާއިމްވެފައިވާ އިތުބާރާއި ޔަގީންކަމަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުން ދިއުން ކަމަށް އެމްކިއުއޭ އިން ބުނެއެވެ. މީގެ އިތުރުން، މިފަދަ ކަންކަމުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި ދެމިއޮންނަ ގާތް އެކުވެރި ގުޅުމަށް ހީނަރުކަން އައުންވެސް އެކަށީގެންވާ ކަމަށް ވެސް އެމްކިއުއޭ އިން ބުނެއެވެ. އަދި މިފަދަ ކަން ކަމާ ގުޅިގެން ރާއްޖެިއން ބޭރުގެ ދަރިވަރުން ރާއްޖޭގެ ކޮލެޖްތަކުން ހިންގާ ކޯސްތަކުގައި ބައިވެރިނުވުމަކީވެސް ވެދާނެ ކަމެއް ކަމަށް އެމްކިއުއޭ އިން ފާހަގަކުރެއެވެ.
މިކަންކަމާއި ގުޅިގެން، ތަކުރާރުކޮށް މިކަން ރަގަޅުކުރުމަށް އެވިޑް ކޮލެޖަށް އަންގާފައިވާ ކަމަށް ވެސް އެމްކިއުއޭ އިން ބުނެއެވެ. ނަމަވެސް، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު (ގަވާއިދު ނަންބަރު: 2022/R-77) އާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025/R-89)އާ ހިލާފުވެފައި ވާތީ އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2025/R-89)ގެ 12 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖަށް ނަސޭހަތްތެރިވެފައިވާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ.
