ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ މިނިސްޓަރުގެ މަގާމަށް އިސްކުރެއްވި ހަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އެހުމުން، ހަސަން ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަރީރު އައްޔަންކުރައްވާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. މިނިސްޓަރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އައްޔަންކުރެއްވުމަށްފަހު، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވަން ޖެހިވަޑައިގަންނަވައެވެ. ވަޒީރެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފުރިހަމަ ގާނޫނީ ބާރުވެރިކަން ލިބިގެންދަނީ މަޖިލީހުން އެ ބޭފުޅަކަށް ރުހުން ދިނުމުންނެވެ.
މި މައްސަލަ މަޖިލީހުގެ ތަޅުމުން ފާސްކުރުމުގެ ކުރިން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ޒަރީރުގެ ނަންފުޅު ދިރާސާކޮށްފައެވެ.
މިނިސްޓަރު ޒަރީރަކީ ރާއްޖޭގެ މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރުކަމާއި ޑެޕިއުޓީ ކޮމިޝަނަރުކަން އޭނާ ވަނީ ކުރިން ފުރުއްވާފައެވެ. ތައުލީމީ ގޮތުން ބަލާއިރު، މިނިސްޓަރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އެކައުންޓިން ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވުމަށްފަހު، ފިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ވަނީ ފުރިހަމަކުރައްވާފައެވެ.
