ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ޖެހިފައިވާ އިތުރު ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ފެނުނު މި ދެ ކޭސްއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 22 އަށް އަރާފައެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވީނަމަވެސް، މިފަހުން މި ބަލީގެ ކޭސްތައް ފެނި އިތުރުވަމުންދާތީ އެޗްޕީއޭއިން ދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، ހުންއައުމާއެކު ހަންގަނޑުގައި ރަތް ބިހިތަކެއް ނެގުން ފަދަ ހިމަބިހީގެ އަލާމާތެއް ފެންނަނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން އިރުޝާދު ދެއެވެ. އަދި ބަލީގެ އަލާމާތް ހުންނަ މީހުން ސިއްހީ ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުމަށާއި، ބައްޔަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެގެން ހުރުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، އާންމު ސާފުތާހިރުކަމަށް މި ދުވަސްވަރު އިތުރަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ ބާރުއަޅާފައެވެ. ހިމަބިހިން ރައްކާތެރިވުމަށް އޮތް އެންމެ އިތުބާރު ހުރި ވަސީލަތަކީ ވެކްސިން ކަމަށްވާތީ، ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.