ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ ދިވެއްސަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާ (އިންޓަޕޯލް) މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.

މި މައްސަލައާ ގުޅިގެން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަދި އޭނާ ފުރައިގެން ދިޔަ ފަހުން މިހާތަނަށް އުޅޭ ވަކި ތަނެއް ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމަށް ފުލުހުން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ. މިފަދަ ނޯޓިސްތަކަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް އެ މީހަކު ހޯދައި، އެ ގައުމަކާ ރާއްޖެއާ ދެމެދު އޮންނަ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހައްޔަރުކޮށް ރާއްޖެއަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން ނެރޭ ނޯޓިސްއެކެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، ކުށްވެރިން ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނެ ކަމަށެވެ.