އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ހުސްވެފައިވާ ގޮނޑިއަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މަޖިލީހުގެ ރައީސް އަބްދުލްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި ގޮތަށް ނިންމީ، އީސީ މެމްބަރުކަމަށް ޝަކީލަށް ރުހުން ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށައެޅުމުން، ޝަކީލަށް ރުހުން ދިނުމަށް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝަކީލަށް ރުހުން ދޭން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ.

މުހައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް އެ ކޮމިޝަންގެ މެންބަރުކަން ކުރެއްވުމުގެ ކުރިން، 2013 އިން ފެށިގެން އެއް އަހަރު ދުވަހު ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، މީގެ ކުރިން އޭނާ ކޮމިޝަނުން ވަކިވީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތުމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ނުފޫޒުން އެއްކިބާވެ ހުރެ މަސައްކަތް ކުރައްވާނެ ކަމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ކަންބޮޑުވުންތަކަށް ހަމަހަމަ ފުރުސަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަހްމާން ސަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، އަބްދުލްހަސީބް އިސްމާއީލް އަދި ރިފްއަތު އަބްދުﷲ އެވެ.