އިންޑިއާގެ ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި، އެ ގައުމުގެ ޒުވާނުންގެ ސިޔާސީ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން ވެރިރަށް ނިއުދިއްލީގައި އިހުތިޖާޖުކުރަން ފަށައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުންގެ އަމުރުތަކާ ހިލާފަށް ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ މަގުމަތީގައި ނިދައި، އިހުތިޖާޖު ކުރަމުންނެވެ.

މި އިހުތިޖާޖުތައް ފެށިފައިވަނީ އިންޑިއާގައި ދާދިފަހުން ބޭއްވި މެޑިކަލް ދާއިރާގެ މުހިންމު އިމްތިހާނެއްގެ ކަރުދާސްތައް ލީކުވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އިމްތިހާނު ބާތިލުކޮށް، އާދީއްތަ ދުވަހު 1.7 މިލިއަން ދަރިވަރުން ވަނީ އަލުން އިމްތިހާނު ހަދާފައެވެ. އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި، މި ދެ އިމްތިހާނުގެ ދެމެދުގައި ހޭދަވި ދުވަސްތަކުގައި އިންޑިއާގެ އެކި ކަންކޮޅުތަކުން ބާރަވަރަކަށް ދަރިވަރުން ވަނީ އަމިއްލައަށް މަރުވެފައެވެ. އިންޑިއާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އުމުރުން 25 އަހަރުން ދަށުގެ ޒުވާނުންނަށް ވާއިރު، ވަޒީފާ ހޯދުމާއި ކިޔެވުމުގެ ބުރަ އުފުލަމުންދާ މި ޒުވާނުންގެ މެދުގައި މި މައްސަލައާ ގުޅިގެން ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

ސީޖޭޕީ އުފެދިފައިވަނީ މީސްމީޑިއާގައި ކުރެވުނު ސަމާސާއަކުންނެވެ. މިދިޔަ މެއި މަހު އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ޒުވާނުންނަކީ "ކުރަފި" (ކޮކްރޯޗް) ތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެ ވަގުތު، މި ހަރަކާތުގެ އިސްވެރިޔާ އަބިޖީތު ޑިޕްކޭ އެކްސްގައި “ހުރިހާ ކުރަފިތައް އެއްވެއްޖެނަމަ ވާނީ ކިހިނެއްތޯ” ސުވާލުކުރުމުން، އެ ޕޯސްޓު ވައިރަލްވެ، މި ހަރަކާތް ފެށުނީއެވެ. މިހާރު އެ ޕާޓީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 22 މިލިއަނަށް އަރާފައިވާއިރު، މިއީ ވެރިކަންކުރާ ޕާޓީއަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

އެމެރިކާގެ ބޮސްޓަން ޔުނިވަރސިޓީން ދާދިފަހުން ތައުލީމު ހާސިލުކުރުމަށްފަހު އެނބުރި ގައުމަށް އައިސް ހުރި ޑިޕްކޭގެ އިސްނެގުމުގެ މަތިން، ޖޫން 6 ވަނަ ދުވަހު ނިއުދިއްލީގައި ފެށި މި އިހުތިޖާޖުތައް މިހާރު ވަނީ މުމްބާއީ، ބެންގަލޫރު އަދި ނާގްޕޫރު ފަދަ ސަހަރުތަކަށް ފުޅާވެފައެވެ. ނިއުދިއްލީގެ ޖަންތަރު މަންތަރުގައި އިހުތިޖާޖުކުރާ ފަރާތްތައް ފޮނުވާލުމަށް ފުލުހުން އަންނަނީ ފެނާއި ކާބޯތަކެތި ކަނޑާލުން ފަދަ ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް ޖޫން މަހުގެ ހޫނު މޫސުމުގައިވެސް އިހުތިޖާޖުގެ ބައިވެރިން އަންނަނީ އެ ސަރަހައްދުގައި ދެމިތިބެމުންނެވެ.

އިހުތިޖާޖުގައި ބައިވެރިވާ އުމުރުން 18 އަހަރުގެ ސަޗިން ކުމާރު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އިމްތިހާނު ކަރުދާސް ލީކުވުމުން އޭނާގެ އުންމީދުތައް ގެއްލިފައިވާ ކަމަށެވެ. އަދި އިންޑިއާގެ އެއްވެސް އިމްތިހާނެއްގެ އިންސާފުވެރިކަމާމެދު މިހާރު އިތުބާރު ނެތް ކަމަށާއި، ކަންކަން ގޯސްވެފައިވަނީ ނާގާބިލު ވަޒީރުންގެ ސަބަބުން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާއާއެކު އިހުތިޖާޖުގައި ބައިވެރިވާ ޝުބަންކަރު ފަދަ އެތައް ޒުވާނުންނެއް ތިބީ މައިންބަފައިންގެ ނުރުހުމުގައި ނަމަވެސް ގެއަށް ނުގޮސް މަގުމަތީގައެވެ.

އިމްތިހާނު ކަރުދާސްތައް ލީކުވުން ހުއްޓުވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ ވަގުތީ ގޮތުން ޓެލެގްރާމް އެޕްލިކޭޝަން މަނާކޮށްފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މައްސަލައިގެ އަސްލު ހައްލެއް ނޫނެވެ.

ޑިޕްކޭ ބުނި ގޮތުގައި، ތައުލީމީ ވަޒީރު އިސްތިއުފާ ނުދެއްވަނީސް އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ނުދާނެއެވެ. އަދި ސަރުކާރަށް އެމީހުން ވަރުބަލިކޮށްލެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަލްޖަޒީރާއިން ފާހަގަކޮށްފައިވާ ގޮތުގައި، މި އިހުތިޖާޖުތަކާ ގުޅިގެން ވަޒީރަކު އިސްތިއުފާ ދެއްވައިފިނަމަ، އެކަން ވެގެންދާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ 12 އަހަރުވީ ވެރިކަމުގައި މިފަދަ ކަމެއް ހިނގާ ފުރަތަމަ ފަހަރަށެވެ.