މާލޭގައި ހުންނަ މަސްޖިދުލް ފުރުޤާންގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ބައެއް ގެއްލުންތައް ރޭގެ ވަގުތެއްގައި ދީފިއެވެ.
މި ހާދިސާގެ މައުލޫމާތު ހިއްސާކުރަމުން މާލެ ސިޓީ ކައުންސިލުން ބުނީ، މިސްކިތުގެ ދޮރަށް ދީފައިވާ ގެއްލުންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ނުރުހުން ފާޅުކުރައްވައި، މިއީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މޭޔަރު ވިދާޅުވީ، މިސްކިތްތަކަކީ އިސްލާމީ މުޖުތަމައުއެއްގައި އެންމެ މުގައްދަސް އަދި ހުރުމަތްތެރިކޮށް ހިތަންޖެހޭ ބިނާތަކަށްވާއިރު، މިފަދަ ދަށުދަރަޖައިގެ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އެއްވެސް މީހަކު ބަލައިގަންނާނެ ކަންކަމެއް ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 4:10 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އަދި މިހާތަނަށް މީހަކު ބަންދުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންނެވެ.
