ރާއްޖޭގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު ކައިވެނިން ބޭރުން ވިހެއި ތުއްތު ކުއްޖަކު މަރާލި މައްސަލައިގައި ދައުވާ އުފުލި ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މި ޝަރީއަތުގައި ހުކުމް އިއްވާފައިވަނީ ކުއްޖާގެ މާމައާއި، ކުއްޖާގެ ބައްޕަ ކަމަށް ބުނާ މީހާގެ އިތުރުން އެ ކަމުގައި ބައިވެރިވި އެހެން ފިރިހެނެއްގެ މައްޗަށެވެ.
މިއީ ރާއްޖޭގައި ހިނގާފައިވާ އިންސާނިއްޔަތާ ހިލާފު، މުޅި މުޖުތަމައު ސިއްސުވާލި ވަރަށް ސީރިއަސް ހާދިސާއެކެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އދ. މާމިގިލީ، އާއިޝަތު ޝާއިރާ އާއި، ތ. މަޑިފުށީ، މުހައްމަދު އިމްތިޔާޒް އަދި ހއ. ފިއްލަދޫ މޫސާ އަހުސަމްގެ މައްޗަށެވެ. މީގެ ތެރެއިން އަހުސަމްގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކުރިއިރު، ޝާއިރާ އާއި އިމްތިޔާޒުގެ މައްޗަށް އުފުލީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ދައުވާއެއް ވެސް ޝާއިރާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
އަދަބުތަކަށް ބަލާއިރު، މޫސާ އަހުސަމް ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭނީ ތިން އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެކެވެ. މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގައި ޝާއިރާ އާއި އިމްތިޔާޒުގެ މައްޗަށް ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ޝާއިރާގެ މައްޗަށް ސާބިތުވި އިތުރު ކުށާއެކު އޭނާ ޖުމްލަ ތިން އަހަރު ދުވަހު ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ.
މި ތިން މީހުންނަށް އިއްވި ޖަލު އަދަބުގެ އިތުރުން، ކުށުގެ ކައްފާރާގެ ގޮތުގައި ތިން މީހުން ވެސް 60 ދުވަހު ރޯދަ ހިފުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
