ފެނަކަ ކޯޕަރޭޝަން ލިމިޓެޑް "ރައިޓްސައިޒް" ކުރުމުގެ މަސައްކަތުގެ ދަށުން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވެގެން 97 މުވައްޒަފަކު ހުށަހަޅައިފިއެވެ.

އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް 10 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގައި ވަކިވާ މީހުންނަށް ހަތަރު މަސް ދުވަހުގެ މުސާރަ އެއްފަހަރާ ދޭ ގޮތަށް އެ ކުންފުނިން ހުޅުވާލީ މި މަހުގެ ކުރީކޮޅުއެވެ.

އެ ފުރުސަތުގެ ބޭނުން ހިފައި ފެނަކައިގެ 97 މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅައިފައި ވެއެވެ. އަދި މިއީ މާލެއާއި އަތޮޅުތެރޭގެ ސައިޓުތައް ހިމަނައިގެން ލިބުނު އެޕްލިކޭޝަންތައް ކަމަށް ފެނަކައިން ބުނެފައި ވެެއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސެއިން މީގެ ކުރިން ވިދާޅުވި ގޮތުގައި އޭނާ މަގާމާ ހަވާލުވެވަޑައިގަތްއިރު، ކުންފުނީގެ ޕޭރޯލްގައި 8,000 އެއްހާ މުވައްޒަފުން ތިއްބެވެ. މި މުވައްޒަފުންނަށް މުސާރަ ދިނުމަށް އެކަނިވެސް މަހަކު ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވާކަމަށް ވިދާޅުވިއެވެ.

ކުންފުނީގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ކުރީ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުންޏަށް ވައްދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލިޔަންކިޔަން ނޭނގޭ މީހުންނާއި ޑިއުޓީ ގަޑީގައި މަސައްކަތަށް ނުގޮސް ގޭގައި ނިދަން ތިބޭ މީހުން ހިމެނޭ ކަމަށާއި މިފަދަ އިސްރާފުތަކުގެ ސަބަބުން ކުންފުނީގެ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ނުހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިދިޔަ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގާފައެވެ.

އަދި ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް ވެސް އަންގާފައި ވެއެވެ. މީގެ އިތުރުން، އެ އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް އަންގާފައި ވެއެވެ.

މިއީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށާއި، ފައިސާ ހަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ކަންތައްތަކެއް ކަމަށް ވެސް ބުންޏެވެ.