ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓުތަކަށް ދޭން ނިންމާފައިވާ ލުއިތައް، މި ހިނގާ ޖޫން މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން މިކަން ކަށަވަރުކޮށްދީފައި މިވަނީ، ބޭންކާ ހަވާލާދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް މި މަހުގެ ކުރީކޮޅު އެފަދަ އިޝާރާތެއް ކުރައްވާފައި ވަނިކޮށެވެ. ރައީސް އޭރު ވިދާޅުވެފައިވަނީ މި މަސް ނިމުމުގެ ކުރިން ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބޭންކުން ލަފާދީފައިވާ ކަމަށެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ، ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ އިންތިޒާމްތައް ބޭންކުން މިހާރު ދަނީ ރާވަމުންނެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް މި ބަދަލުގެ ފައިދާ ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު ބޭންކުން ކާޑު ލިމިޓަށް ބަދަލު ގެނައީ ބޭންކަށް ވަންނަ ބޭރު ފައިސާއަށްވުރެ، ކާޑުތަކުން ހޭދަކުރާ މިންވަރު އާދަޔާ ހިލާފަށް އިތުރުވުމާ ގުޅިގެންނެވެ. ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެކަނިވެސް 345 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވެއެވެ. މީގެ ތެރެއިން 198 މިލިއަން ޑޮލަރަކީ ކާޑު މުއާމަލާތްތަކަށް ހޭދަވި ފައިސާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 47 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ އެހެން ބޭންކުތަކާ އަޅާބަލާއިރު، އެންމެ މަތީ ލިމިޓެއް ކަސްޓަމަރުންނަށް ދެމުންދަނީ ބީއެމްއެލްއިންކަން އެ ބޭންކުން ފާހަގަކުރެއެވެ.

މިހާރު ބޭންކުން އަމަލުކުރާ އުސޫލުން، ބޭރަށް ދަތުރުކުރާ ފަރާތްތަކަށް މަހަކު 1,000 ޑޮލަރުގެ ޕީއޯއެސް ލިމިޓެއް ލިބޭއިރު، ޓިކެޓާއި ހޮޓެލް ފަދަ ޒަރޫރީ ބޭނުންތަކަށް މަހަކު 3,000 ޑޮލަރާ ހަމައަށް ހޭދަކުރެވެއެވެ. މި މަހު ގެންނަ ބަދަލާއެކު މި ލިމިޓުތަކަށް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.