ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ފްލެޓްތައް ކައިރީގައި ކޮމާޝަލް އިމާރާތެއް އެޅުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަމާން ދޯދި 16 ވަނަ ޓަވަރު ކައިރީގައި މި އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ ކަނޑޫފާ އިންވެސްޓްމަންޓާއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރިން ޕާކިންގް ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފައި އޮތް ބިމެއްގައި ކަމަށެވެ. ކޮމާޝަލް އިމާރާތާއެކު އެ ސަރަހައްދުގެ ޕާކިންގް މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ. އެގޮތުން، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން ކޮމާޝަލް އިމާރާތަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ތަނަވަސް ޕާކިންގް ޖާގަ ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ މާލީ އޮނިގަނޑާ ގުޅޭގޮތުން ޝަކީލް ވިދާޅުވީ މިއީ ޑިވެލޮޕަރުގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި ކޮމާޝަލް އިމާރާތް އަޅާ ނިމުމުން އެފްޑީސީ އަށް އޮފީސް ޖާގައެއްވެސް ލިބޭނެކަމަށް ޝަކީލް ވިދާޅުވިއެވެ.

"މިއީ ޑިވެލޮޕާގެ ހަރަދުގައި ހަދާ އިމާރާތެއް. އިމާރާތް އަޅާ ނިމޭއިރު އެފްޑީސީއަށް އޮފީސް ސްޕޭސްއެއްވެސް ލިބޭނެ، އޭގެ އިތުރުން އިމާރާތުގެ ކުލިވެސް ލިބޭނެ. އެހެންވީމާ އަތުން ހަރަދެއް ނުގޮސް، އޮފީސް ސްޕޭސް، ޕާކިންގް ސްޕޭސް، އަދި އިތުރު އިންކަމްއެއް އެބަލިބޭ،"
ޝަކީލް

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެފްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާކަމަށް ޝަކީލް ފާހަގަކުރެއްވިއެވެ.

ޖުމުލަ 18 ބުރިއަށް ތަރައްގީ ކުރާ މި ބިޔަ ކޮމާޝަލް އިމާރާތުގެ ސަބަބުން އެ ސަރަހައްދުގެ ވިޔަފާރިތަކަށާއި، އޮފީސްތަކަށް ބޭނުންވާ ޖާގަ އިތުރުވާނެ ކަމަށް ބެލެވެއެވެ.