މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސޮއިކުރައްވައިފިއެވެ.
ރޭ، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފްރާންސްގެ ޕެލަސް އޮފް ވާސައިގައި އެމެރިކާ-އީރާން އެއްބަސްވުމުގެ ކޮޕީއެއްގައި ސޮއިކުރައްވާފައެވެ. ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅަކަށް ފަހު ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވީ، "މިހާރު މީގައި ސޮއިކޮށްފިން" ކަމަށެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ފޮޓޯތަކުން ދައްކާ ގޮތުގައި، މި ލިޔުމުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް ވަނީ ސޮއިކުރައްވާފައެވެ.
އިރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީއާ ހަވާލާދީ، އިރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އައިއާރްއެންއޭ) އިން ވަނީ ދެ ގައުމުގެ ރައީސުންގެ ސޮޔާއެކު މި ލިޔުން މިހާރު ފައިނަލްވެއްޖެކަން ހާމަކޮށްފައެވެ.
މި އެއްބަސްވުމުގައިވާ ގޮތުން، އީރާނަށް ތެޔޮ އެކްސްޕޯޓް ކުރެވޭނެ ގޮތް ހެދުމަށްޓަކައި އެމެރިކާއިން ބައެއް ހުއްދަތައް ދޫކުރާނެއެވެ. އަދި ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ބެހޭ މާއްދާތައް މީގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ތެހެރާނުން "ނިއުކްލިއާ ހަތިޔާރު ހޯދައި ނުވަތަ އުފައްދައިގެން ނުވާނެ" ކަމަށް ބުނެފައިވާ އިރު، މަޝްވަރާތަކުގެ ކުރިއަށް އޮތް މަރުހަލާގައި އީރާނު އަލުން ބިނާކުރުމަށްޓަކައި 300 ބިލިއަންގެ ފަންޑެއް ގާއިމުކުރުމަށް އެމެރިކާ އާއި ސަރަހައްދީ ބައިވެރިން އެއްބަސްވެއެވެ.
މި އެއްބަސްވުމުގެ ދަށުން ހުރިހާ ފަރާތްތަކެއްގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނެއެވެ. މި އެއްބަސްވުމުގައި ދެ ގައުމުގެ ރައީސުން ސޮއިކުރެއްވި ނަމަވެސް ހުކުރު ދުވަހު ސްވިޓްޒަލެންޑުގައި މިކަމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
