ރައްޔިތުންގެ މަޖިލީހުން މިދިޔަ މެއި މަހުގެ ތެރޭގައި ފާސްކުރި "އިންސާނީ ގުނަވަން ބަދަލުކުރުމުގެ ބިލު" (އޯގަން ޓްރާންސްޕްލާންޓް ބިލު) ތަސްދީގު ނުކުރައްވައި، އަލުން މުރާޖާ ކުރުމަށް މޖަިލީހަށް ފޮނުވާލީ ކުށްވެރިންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް އެ ބިލުގައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ފިނުއްވި ސިޓީފުޅެއްގައެވެ.
މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ފާސްކުރި މި ބިލު، ރައީސް މުއިއްޒު އަނބުރާ ފޮނުއްވާލެއްވީ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. ބަންދުގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވި އަސްލު ބިލުގައި އޮތް ނަމަވެސް، މަޖިލީހުން ބިލު ފާސްކުރިއިރު އެ މާއްދާ ވަނީ އުނިކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު އިއްވަވާފައިވާ އިރު، އެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ގުނަވަން ހަދިޔާކުރުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެމީހެއްގެ ފުރިހަމަ އިހްތިޔާރާއި ރުހުމުގައި ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަކީ އެމީހުންގެ މިނިވަންކަން ހަނިކުރެވިފައިވާ ބަޔަކަށް ވާތީ، އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިހްތިޔާރުގައި އެފަދަ ނިންމުމެއް ނިންމުމުގެ ފުރުސަތު އެމީހުންނަށް އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެފަދަ މީހުންނަށް ގުނަވަން ހަދިޔާކުރެވޭނެ ވަކި އުސޫލުތަކެއް ކަނޑަނޭޅި ބިލު ތަސްދީގު ކުރުމަކީ ގާނޫނު ތަންފީޒު ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. މި ބިލަކީ ހަމައެކަނި ދިރިހުރި މީހުންގެ ހަށިގަނޑުން ގުނަވަން ބަދަލުކުރުމަށް ހުއްދަދޭ ބިލެކެވެ. އަދި މި ބިލުގެ ދަށުން ބައެއް ކަންކަމަކީ ކުށްތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި:
- ރުހުމާ ނުލައި މީހެއްގެ ގުނަވަނެއް ނެގުން ނުވަތަ އެފަދަ ގުނަވަނެއް ބޭނުންކޮށްގެން ޓްރާންސްޕްލާންޓް ހެދުން.
- އިންސާނީ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ގަނެވިއްކުން.
- ހުއްދަ ނެތި ޓްރާންސްޕްލާންޓާ ގުޅޭ ހިދުމަތް ދިނުމާއި، ދޮގު މައުލޫމާތު ދިނުމާއި މަނާކުރެވިފައިވާ ކަންކަން ކުރުން
މި ބިލު އަލުން ދިރާސާކުރުމަށް މަޖިލީހަށް ފޮނުވާލުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި މައްސަލަ އިތުރަށް ބަލައި ދިރާސާކުރުމަށް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އަދި އިންސާނީ ހައްގުތަކާއި އިސްލާމީ އުސޫލުތައް ރައްކާތެރިކުރެވޭ ފަދަ ފުރިހަމަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ގުނަވަން ބަދަލުކުރުމުގެ ނިޒާމު ގާއިމުކުރުމެވެ.
