ދުނިޔޭގެ ކަނޑުތަކުގެ ދުވަސް (ވޯލްޑް އޯޝަންސް ޑޭ) ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ ގައުމީ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނީ މި މަހުގެ 19 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު މުބާރާތަކީ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއްކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މާލެ ސިޓީން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ، ޝަރުތު ހަމަވާ 20 ޓީމަކަށެވެ. މާލޭގެ ޓީމުތަކުން ބައިވެރިވުމަށް އެދި ހުށަހަޅަންޖެހެނީ މިނިސްޓްރީން އާންމުކޮށްފައިވާ ހާއްސަ ގޫގްލް ފޯމެއް މެދުވެރިކޮށެވެ.

ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްރަށުން ބައިވެރިވާން ބޭނުންވާ ޓީމުތަކަށް ފުރުސަތު ހަމަޖެހިފައިވަނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާ މެދުވެރިކޮށްކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެއްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 19 ވާ ހުކުރު ދުވަހުގެ ހަވީރު 3:00 އިން ރޭގަނޑު 9:00 އަށްކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ މުބާރާތް ފެށުމާއި ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައިކަމަށާއި، އަތޮޅުތެރޭގެ ރަށްރަށުގައި މަސްވެރިކަން ކުރާނެ ސަރަހައްދުތައް ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންކަމަށް ވަނީ ބުނެފައެވެ.

ކޮންމެ ޓީމެއްގައި މެނޭޖަރަކާއެކު ގިނަވެގެން 13 މެންބަރުން ހިމެނިދާނެކަމަށާއި، މީގެ ތެރޭގައި އަންހެން އަދި ފިރިހެން ބައިވެރިން ވެސް ހިމެނިދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މުބާރާތުގެ ވަނަވަނައަށްދާ ޓީމުތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން:

  • 1 ވަނަ ޓީމު: 30,000 ރުފިޔާ
  • 2 ވަނަ ޓީމު: 25,000 ރުފިޔާ
  • 3 ވަނަ ޓީމު: 20,000 ރުފިޔާ
  • އެންމެ ބޮޑު މަސް ބާނާ ފަރާތަށް: 5,000 ރުފިޔާ

މި މުބާރާތުގައި ބައިވެރިވުމުގެ އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ޖޫން 17 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3339225 ނުވަތަ 3339272 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.