ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ނެޓްބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށްޓަކައި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ދުވަހު ނެޓްބޯލް އެސޯސިއޭޝަނުން ބާއްވާ މުހިންމު މުބާރާތްތަކަކަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކު ބާއްވާ އިންޓަރސްކޫލް ނެޓްބޯލް ޓޯނަމެންޓް (ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް) އަދި ޖޫނިއާ ޗެމްޕިއަންޝިޕް ޓޯނަމެންޓް ހިމެނެއެވެ.
ނެޓްބޯލް އެސޯސިއޭޝަނުން މިފަދަ މުބާރާތްތައް ގަވާއިދުން ބާއްވަނީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި، ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީކޮށް، ކުޅިވަރުގެ މައިދާނަށް އިތުރު ކުޅުންތެރިން ނެރުމުގެ މަގުސަދުގައެވެ. ބީއެމްއެލްގެ މި އެހީތެރިކަމާއެކު މި މުބާރާތްތައް އިތުރަށް ފުރިހަމަވެ، ގިނަ ޒުވާނުންނަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ ކުޅިވަރު ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ މުއައްސަސާއެކެވެ. އެގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ އެކި ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕްތައް ގާއިމުކޮށްގެން މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރު ތަރައްގީކުރުމަށް ބޭންކުން ދަނީ އެހީތެރިވަމުންނެވެ.
މިހާރުވެސް ބީއެމްއެލް އިން ދަނީ ފުޓްބޯލް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަން، ސާފިންގް އެސޯސިއޭޝަން، ޓެނިސް އެސޯސިއޭޝިއަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއެކު ގާތް ގުޅުމެއް ބާއްވައި، އެ ފަރާތްތަކުގެ ހަރަކާތްތަކަށް އެއްބާރުލުން ދެމުންނެވެ.
