ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އަށް އައި ކުރިއެރުމާއެކު، މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައެވެ.
މި ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖޫން 4 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ވަނީ 19.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 17.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 10.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ މައިގަނޑު އިގްތިސާދީ ހަރަކާތްތަކުން ލިބޭ އާމްދަނީ މެދުނުކެނޑި ކުރިއަރަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ.
ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ޖޫން 4 ގެ ނިޔަލަށް އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 78 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާކަން ފާހަގަކުރެވެއެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 6.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިއަން ރުފިޔާއިން 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، ޖޫން 4 ގެ ނިޔަލަށް ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޖުމްލަ އަކީ 19.2 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.6 އިންސައްތަ އިތުރު އަދަދެކެވެ. މަގުތަކާއި ފާލަން އަދި އެއާޕޯޓް ފަދަ އުމްރާނީ މަޝްރޫއުތަކަށް ކުރާ ހޭދައަކީ ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރާ ކަންކަމެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މިފަދަ މަޝްރޫއުތަކަށް 818.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ޕީއެސްއައިޕީގެ ހަރަދުތަކުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، ސަބްސިޑީތަކަށް ކުރާ ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 2.3 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ.
މި ތަފާސްހިސާބުތަކުން ދޭހަވަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީއާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމެވެ. ހަމައެއާއެކު، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ތެލުގެ އަގު އުފުލުނު ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ އަގު ހިފެހެއްޓުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަމުންދާކަމެވެ. މި ހުރިހާ ގޮންޖެހުންތަކާއެކުވެސް، އުމްރާނީ ތަރައްގީއާއި ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ހާމަވެއެވެ.
