ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތެލާއި ޑީސަލް ވިއްކައިގެން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ، އެ ކުންފުނީގެ ކުރީގެ ބޯޓު ކެޕްޓަނެއްގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޖެނުއަރީ 18، 2018 އިން ފެށިގެން އޮކްޓޯބަރު 2018 ގެ ނިޔަލަށް އެ ކުންފުނީގެ "ވިންދު" ބޯޓުގެ ކެޕްޓަންގެ މަގާމުގައި ހުރި މ. ބިންއުނިމާގެ، އަބްދުލްމަޖީދު އަލީގެ މައްޗަށެވެ.
އޭނާގެ މައްޗަށްކޮށްފައިވަނީ ބޯޓަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 119,886 ރުފިޔާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ. އަދި ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 76,300 ރުފިޔާ ނަގައިދިނުމަށް ދައުލަތުން އެދިފައިވެއެވެ.
މި ދައުވާއަށް އަބްދުލްމަޖީދު އިންކާރުކޮށް ތަހުގީގާއި ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާގެ ދަބަހުން 108,000 ރުފިޔާ ގެއްލިފައިވާ ކަމަށާއި، އެކަން ކުންފުންޏަށް ރިޕޯޓުކޮށް މަދުވި ފައިސާ ދައްކަމުން ގޮސްފައިވާނެ ކަމަށެވެ. މިގޮތުން ޖޫން 2018 އިން ފެށިގެން އޭނާ ވަޒީފާއިން ވަކިކުރަންދެން މުސާރައިން ފައިސާ ކަނޑަމުން ގޮސްފައިވެއެވެ.
މި މައްސަލައިގައި ގާޒީ މުޒައްމިލު ނާސިރު ކުރެއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ހިޔާނާތުގެ ކުށުގެ އަމަލާ ގުޅޭ މުހިންމު ރުކުންތަކެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. ކޯޓުން ފާހަގަކުރި މުހިންމު ނުކުތާތަކުގެ ތެރޭގައި މައްސަލައިގެ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުން އެ ފައިސާ ލިބިފައި ނުވާކަން އެނގުނު ނަމަވެސް، އެއީ ނަގުދު ފައިސާއިން ދެއްކި އެއްޗެއްކަމެއް އަދި އެ ފައިސާ އަބްދުލްމަޖީދާ ހަވާލުވިކަން އެނގޭކަށް ނެތެވެ. އަދި ތަހުގީގު މަރުހަލާގައި ފުލުހުން އޭނާއަށް އެ އިންވޮއިސްތަކާއި ޑެލިވަރީ ނޯޓުތައް ދައްކައި ސުވާލުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ހިޔާނާތްތެރިވި ކަމަށް ބުނާ ފައިސާ އޭނާގެ އަމިއްލަ މުދަލުގެ ގޮތުގައި ބޭނުންކުރިކަން ސާބިތުކުރަން ދައުލަތުން ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
ހޯކްސް ކުންފުނިން ތަހުގީގަށް ބުނެފައިވަނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ނެތް ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ލިޔުންތަކުގައި "މަޖީދު ޝޯޓޭޖް" ގެ ގޮތުގައި ބަޔާންކުރި އަދަދުތަކާ މެދު ހިލާފުތަކެއް ހުރިކަން ފާހަގަކުރެވުނެވެ. މި ހުރިހާ ސަބަބުތަކަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން ވަނީ އަބްދުލްމަޖީދު އަލީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.
