އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ ބޭފުޅެއްގެ ގޮތުގައި ޝަކީލްގެ ނަންފުޅު މަޖިލީހަށް ވަނީ ފޮނުއްވާފައެވެ. ޝަކީލްގެ ނަންފުޅުގެ އިތުރުން، އެ މަގާމަށް ޝަރުތުހަމަވާ ކަމަށް ބަލައި ހުށަހެޅި އެހެން ހުރިހާ ބޭފުޅުންގެ ނަންތައްވެސް މައުލޫމާތަށްޓަކައި މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.
މުހައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް އެ ކޮމިޝަންގެ މެންބަރުކަން ކުރެއްވުމުގެ ކުރިން، 2013 އިން ފެށިގެން އެއް އަހަރު ދުވަހު ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަހްމާން ސަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، އަބްދުލްހަސީބް އިސްމާއީލް އަދި ރިފްއަތު އަބްދުﷲ އެވެ.
ކޮމިޝަންގެ ރައީސްގެ މަގާމުވެސް މިވަގުތު އޮތީ ހުސްކޮށެވެ. ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަންގެ ރައީސަކު އައްޔަންކުރާނީ، މަޖިލީހުގެ ރުހުމާއެކު މެންބަރުންގެ އަދަދު ހަމަވުމުން، އެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެވެ.
