ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ޑޮލަރު ޑެބިޓް ކާޑު ބޭނުންކޮށްގެން މާލީ މުއާމަލާތް ހިންގާ ފަރާތްތަކުގެ މެދުގައި، ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަން އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ޖުމްލަ ހަތް ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 1000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު ލިބޭނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، ބޭންކުން އަލަށް ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އެދި ހުށަހަޅައި، އެ ކާޑު ބޭނުންކޮށްގެން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތެއް ހިންގަންޖެހެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ޑޮލަރު ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އެކި ވެބްސައިޓްތަކުން ވިޔަފާރިކުރުމާއި، އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި، ދަތުރުފަތުރުގެ ޓިކެޓް ނެގުމުގެ އިތުރުން އެކި ކަހަލަ ޑިޖިޓަލް ޚިދުމަތްތަކަށް ފައިސާ ދައްކައިގެންވެސް ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް ޑޮލަރު ޑެބިޓް ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުން ސީދާ މުއާމަލާތް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކާޑެކެވެ.
