ސަރުކާރުން ފެށި "ދިވެހި ވަތަނީ ހިދުމަތް" (ނޭޝަނަލް ސާވިސް) އިނީޝަލް ތަމްރީނުގެ ފުރަތަމަ ބެޗު ނިންމައި، ދިވެހި ސިފައިންގެ ހިދުމަތާ ގުޅުނު ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތްވަރުދެއްވައި ހާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި 137 ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. މި ދަރިވަރުންނަކީ ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ޒުވާނުންނެވެ.
ރައީސް ވިދާޅުވީ، ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގެ ފުރަތަމަ ބެޗު ނިންމައި، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ސިފައިންގެ ހިދުމަތަށް ކުރިމަތިލި ޒުވާނުންނަކީ ގައުމަށްޓަކައި ނަމޫނާ ދެއްކި ބައެއް ކަމަށެވެ. އެގޮތުން، ސިފައިންގެ މަތިވެރި ހިދުމަތާ ގުޅުނު ހުރިހާ ޒުވާނުންނަށް އެމަނިކުފާނު ވަނީ އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.
"ދިވެހި ވަތަނީ ހިދުމަތް" މި މަޝްރޫއަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މި ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ގައުމީ ޒިންމާ އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް މުޖުތަމައަށް ނެރުމެވެ.
މި ތަމްރީނު ކޯހަކީ ޒުވާނުންނަށް ބޭނުންވާ އަސާސީ ހުނަރުތަކާއި، އަޚްލާޤާއި، ޤައުމީ ލޯބި އަށަގަންނުވައި، ގައުމީ ހިދުމަތަށް އެކުދިން ތައްޔާރުކުރުމަށް ހިންގޭ މުހިންމު ޕްރޮގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޯހުން އެކި ވަނަތައް ހާސިލްކުރި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރައްވައި އެކުދިންނަށް ހިތްވަރު ދެއްވާފައެވެ.
