ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމާ ގުޅޭގޮތުން އަލަށް އެކުލަވައިލި ހަރުކަށި ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށްޓަކައި، ކާބޯތަކެތި އުފައްދާ އަދި އެތެރެކުރާ ފަރާތްތަކަށް ހަ މަސްދުވަހުގެ ފުރުސަތެއް ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

މި މަހުގެ 9 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައިވާ "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު: 2026/R-52) ބުނާގޮތުން، ގެޒެޓްކުރާ ދުވަހުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ޖެހެއެވެ. ނަމަވެސް، ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގެ ދަށުން، މިހާރު ބަންދުކޮށް ލޭބަލްކޮށްފައިވާ ތަކެތި އާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި، ކާބޯތަކެތި އުފައްދާ ފަރާތްތަކަށާއި، އިމްޕޯޓް/އެކްސްޕޯޓް ކުރާ ފަރާތްތަކަށް 6 މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެމްއެފްޑީއޭ އިން އިލްތިމާސްކުރަނީ މި މުއްދަތުގެ ތެރޭގައި ހުރިހާ ފަރާތްތަކުން ވެސް ގަވާއިދާ އެއްގޮތަށް ކަންކަން އިސްލާހުކޮށް ނިންމުމަށެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް

މި ގަވާއިދުގެ ދަށުން ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވާ ފަރާތްތައް 10,000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ. ކާބޯތަކެތި ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރާނެ އުސޫލަކީ:

  • ފުރަތަމަ ފަހަރު: 10,000 ރުފިޔާ.
  • ދެވަނަ ފަހަރު: 100,000 ރުފިޔާ.
  • ތިންވަނަ ފަހަރު: 500,000 ރުފިޔާ.
  • ހަތަރުވަނަ ފަހަރު: 750,000 ރުފިޔާ.
  • ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރުވުން: 1,000,000 ރުފިޔާ އިން ޖޫރިމަނާކޮށް ލައިސެންސް ބާތިލްކުރުން.

މީގެ އިތުރުން، ކާބޯތަކެތީގެ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން މުދާ ވިއްކާ ފަރާތްތައް 10,000 ރުފިޔާ އާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ވިޔަފާރި ލައިސެންސް ހިފެހެއްޓޭނެއެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ސީރިއަސް މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ޖިނާއީ ދައުވާ އުފުލުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

ބަންދުކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުން

އާ ގަވާއިދުގައި ކާބޯތަކެތި ބަންދުކުރާ މެޓީރިއަލްއާ ގުޅޭގޮތުން ވެސް ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހަމައެކަނި 'ފުޑް ގްރޭޑަޑް' މެޓީރިއަލް ބޭނުން ކުރުމަށާއި، ތިމާވެއްޓާއި ސިއްހީ ރައްކާތެރިކަމަށްޓަކައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުން ވަނީ މަނާކޮށްފައެވެ. މި މިންގަނޑާ ހިލާފުވާ ފަރާތްތައް 5,000 ރުފިޔާ އާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއެފްޑީއޭގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަންބަރު 3034217 އަށް ގުޅުއްވުމަށް ނުވަތަ އީމެއިލް ކުރެއްވުމަށް އެ އޮތޯރިޓީން އެދެއެވެ. މި ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ކާބޯތަކެތީގެ ފެންވަރު ހިފަހައްޓައި، އާންމު ރައްޔިތުންނަށް ރައްކާތެރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި އެމްއެފްޑީއޭއިން އެކުލަވާލު ގަވާއިދެއް ކަމަށް އެ އޮތޯރިޓީން ބުނެއެވެ.