ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ނިސްބަތްކޮށް މިއަދު ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު (މުންދު) ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށް، އޭނާގެ މައްޗަށް ވަނީ ފޭރުމާއި، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގައި ޝަމްއާނަށް ހުކުމް ކުރުމަށް މިއަދު ހަވީރު 4:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނިކޮށް، އޭނާ ވަނީ ނޫސްވެރިންނާ ބައްދަލުކޮށް ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ޝަމްއާން ތުހުމަތު ކުރެއްވި ގޮތުގައި، ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާމިޓް އެޕްރޫވް ކުރުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ޖަރީމާ ހިންގަވާ ކަމުގެ މައުލޫމާތު، ޖެނުއަރީ 16، 2025 ގައި ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެންނެވިއެވެ.

ޝަމްއާން ވިދާޅުވީ، ކޮންމެ ކޯޓާއަކަށް 8,000 ރުފިޔާ އަދި އެޕްރޫވް ކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1,800 ޔޫއެސް ޑޮލަރު ނަގަމުންދާ ކަމުގެ ވާހަކަ ރައީސްއަށް ދެންނެވި ކަމަށެވެ. ނަމަވެސް، މިނިސްޓަރު އިހްސާނާ ދެކޮޅަށް ޝަމްއާން ޒާތީ ގޮތުން ކަންކަން ކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ޝަމްއާން ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، މި ތުހުމަތުތަކާއި ހެކިތައް ހުށަހެޅި ވަގުތަކީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާގައި ހުންނެވި ވަގުތެއް ކަމަށާއި، ގާނޫނާ ހިލާފު އެއްވެސް ކަމެއް މިނިސްޓަރު އިހުސާން ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި "ލޯޔަލް ވުމަކީ ތިއީ ނޫން" ކަމަށް ރައީސް ވިދާޅުވި ކަމަށްވެސް އޭނާ ބުންޏެވެ.

ޝަމްއާނުގެ ތުހުމަތުތަކާ ގުޅޭ ގޮތުން އިހްސާނާއި އުޝާމުގެ ބަހެއް ލިބިފައެެއް ނުވެއެވެ.

މި މައްސަލައިގައި 'ވާނުވާ' ބަންދުގައި ހުރި ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އޭނާ ބަންދުން ދޫކޮށްލީ މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަމަށް އެދުމާ ގުޅިގެންނެވެ.

ސަރުކާރުގެ ތަރުޖަމާން މުންދު ވަނީ ޝަމްއާންގެ މި ވާހަކަތަކަކީ އޭނާގެ މައްޗަށް އުފުލާފައިވާ ސީރިއަސް ދައުވާތަކުން ރެކުމަށާއި، ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ދައްކާފައިވާ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަކުރައްވާފައެވެ.