މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ކުރަމުންދާ މަރާމާތުގެ މަސައްކަތްތަކަކާ ގުޅިގެން، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް (ޓްރެފިކް ފްލޯ) ބަދަލުތަކެއް ގެނެސްފި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ހާމަކުރައްވައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ބަދަލު ގެނެސްފައި ވަނީ އެ ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހައެއް ގޮތުގައެވެ. ޓްރެފިކް ފްލޯއަށް ގެނައި ބަދަލުގެ ތެރޭގައި ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅުނު ހިސާބުން ފެށިގެން، ޗާންދަނީމަގު އޯކިޑްމަގާއި އަމީރު އަހުމަދު މަގު ގުޅުނު ކަންމައްޗާ ހަމައަށް މިހާރު ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މި ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލަކީ މަގުގެ މަސައްކަތް ނިމެންދެން ވަގުތީ ގޮތުން ގެނައި ބަދަލެކެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ދުއްވުމުގައި މަގުމަތީގެ ނިޝާންތަކަށާއި، ފުލުހުންގެ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގަކީ ބޯޓުފަހަރަށް މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތް ބާރުބޮޑުކޮށް ހިނގާ ސަރަހައްދަކަށް ވުމުން، މި ބަދަލާ އެކު އެ ސަރަހައްދުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
