މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދު ބޮޑުކޮށްފިއެވެ.

މި ގެނެވުނު ބަދަލާއެކު، އަންގާރަ ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު ވަނީ ކިލޯއަކަށް 20 ރުފިޔާއަށް އުފުލިފައެވެ. މިއީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިފްކޯއިން އެންމެ ފަހުން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ދުވަހު އަގު އުފުލާފައިވަނީ ކިލޯއަކަށް 18.50 ރުފިޔާއަށެވެ.

އަގަށް އައި މި ބަދަލާއެކު، މިފްކޯގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ކާރުހާނާތަކުގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގއ. ދާންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުން މިއަދުން ފެށިގެން މަސް ގަންނަމުންދާނީ މި އާ އަގުގައެވެ.

މަސްވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުން މިހާރު ވެސް އަންނަނީ ގިނަ ކަންކަމެއް ތަންފީޒުކުރަމުންނެވެ. އެގޮތުން، ބާނާ މަސް ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ބަދަލުގައި، އޭގެއިން ތަފާތު އުފެއްދުންތައް ތައްޔާރުކޮށް "ވެލިއު އެޑް" ކޮށްގެން ބާޒާރަށް ނެރުމަށް ވަނީ އިސްކަންދީފައެވެ. މީގެ އިތުރުން، މަހުގެ ތާޒާކަން ދަމަހައްޓައިގެން ބޭރުގެ ބާޒާރުތަކަށް ފޮނުވޭނެ އިންތިޒާމުތައް ތަރައްގީކުރުމާއި، މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކޯލްޑް ސްޓޯރޭޖްތައް އިތުރުކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ.

މި ހުރިހާ ބަދަލެއްގެ މައިގަނޑު މަގުސަދަކީ، ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ލޮޅުންތަކުން މަސްވެރިން ސަލާމަތްކޮށްދިނުމެވެ. އަދި ދުނިޔޭގެ ބާޒާރުގައި މަސް ލިބުން ދަތިވާ ދުވަސްވަރުގައި ވެސް ދިވެހި މަހަށް އެންމެ އެދެވޭ އަގު ހޯދައިދީ، މަސްވެރި އާއިލާތަކަށް ލިބޭ ނަފާ މެދުނުކެނޑި ދެމެހެއްޓޭނެ މަގު ފަހިކޮށްދިނުމެވެ.